އައިއެސްގެ ލޯގޯ ޖެހި ޖުއްބާ އެއް ލައިގެން ސަލްމާން މިސްކިތުގެ މިންބަރަށް އެރި މީހާ މާ ގިނައިރުތަކެއް ނުވެ، ދޫކޮށްލައިފިއެވެ.

އުމުރުން 43 އަހަރުގެ އެ މީހާ ސަލްމާން މިސްކިތުގެ މިންބަރަށް އަރައި، ފާތިހާ ސޫރަތް ކިޔަވައި، ދިވެހިން ވާހަކަ ދެއްކި އަޑު، މިސްކިތުގައި ތިބި ގިނަ ބަޔަކަށް ވަނީ އިވިފައެވެ.

އެ ކަން ހިނގާފައިވަނީ ހުކުރު ހުތުބާ ފެށުމުގެ ދިހަ ވަރަކަށް މިނެޓް ކުރިންނެވެ. އެ ކަން ހިނގި ވަގުތު، ފުލުހުން މިސްކިތަށް ދިޔައިރު، އާންމުން ތިބީ އޭނާ ހިފަހައްޓައިގެންނެވެ. އެ މައްސަލައިގައި ފުލުހުން އޭނާ ހައްޔަރުކޮށް، ވަނީ ގެންގޮސްފައެވެ.

އެ މީހާ މާ ގިނައިރުތަކެއް ނުވެ ދޫކޮށްލާފައިވާއިރު، މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ:

  • އެ މީހާ އަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހެއް ކަމަށް
  • އާއިލާ އާއި ހަވާލުކުރީ ލިޔެކިއުންތަކަށް ބެލުމަށްފަހު ކަމަށް

އޭނާ ފުރަތަމަ ވާހަކަ ދެއްކި ވަގުތު، މިސްކިތުގައި ތިބި މީހުން އަޅައެއް ނުލައެވެ. ނަމަވެސް މިންބަރުން އޭނާ ފޭބުމަށް، މިސްކިތާ ހަވާލުވެ ތިބި މީހުން ނަސޭހަތްތެރިވެފައިވެއެވެ. އެކަމަކު އޭނާގެ ވާހަކަ ކުރިއަށް ގެންދިއުމުން، އޭނާ އެތަނުން ބޭލުމަށް މިސްކިތުގައި ތިބި މީހުން މަސައްކަތް ކޮށްފައިވެއެވެ.