ދުނިޔޭގެ ފެންވަރުގައި ޗޮކްލެޓް އުފައްދާ އެންމެ ބޮޑު ކާރުހާނާއިން ސެލްމޮނެއްލާ ބެކްޓީރިއާގެ އަސަރު ފެނިފައި ވާ ކަމަށް، އެ ކާރުހާނާ ހިންގާ ބެރީ ކެލަބޯ ކުންފުނިން ހާމަ ކޮށްފިއެވެ.

ބެލްޖިއަމްގައި ބެރީ ކެލަބޯއިން ހިންގާ ވީޒް ކާރުހާނާއިން ސެލްމޮނެއްލާ ބެކްޓީރިއާގެ އަސަރު ފެނުމާއެކު، އެ ކާރުހާނާގެ އޮޕަރޭޝަންތައް ހުއްޓާލާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އޮޕަރޭޝަންތައް މެދުކަނޑާލާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ތަރުޖަމާނު ކޯނީލް ވޯލޮޕް ވިދާޅުވީ، ސެލްމޮނެއްލާއަށް ޓެސްޓު ކުރި ހިސާބުން އެ ކާރުހާނާގައި އުފެއްދި ހުރިހާ އުފެއްދުމެއްވެސް ބްލޮކް ކޮށްފައި ވާ ކަމަށެވެ. އެ ކާރުހާނާއަކީ ފޮނިކާއެއްޗިހި އުފައްދާ 73 ކްލަޔަންޓަކަށް ހޯލްސޭލް އުސޫލުން ދިޔާ ޗޮކްލެޓްގެ ސަޕްލައި އުފައްދާ ކާރުހާނާއެކެވެ.

ޗޮކްލެޓް ބޭނުން ކުރި އެއްވެސް ފަރާތަކަށް، މި ހާދިސާއާ ގުޅިގެން ސެލްމޮނެއްލާގެ އަސަރު ކުރި ކަމަށް އަދި ރިޕޯޓް ކޮށްފައެއް ނުވެއެވެ. ސެލްމޮނެއްލާ ބެކްޓީރިއާއަކީ ސެލްމޮނެއްލޯސިސް ޖައްސާ ބެކްޓީރިއާއެކެވެ. އެ ބަލީގެ އާންމު ކޭސްތަކުގައި ބޭރަށް ހިންގުމާއި ހުން އައުން ފަދަ ކަންކަން ކުރިމަތި ވި ނަމަވެސް، ފުރާނައަށް އިންތިހާ ނުރައްކާވާ ދަރަޖައަށްވެސް ބަލި ބޮޑުވާ ފަހަރު އާދެއެވެ.

ސެލްމޮނެއްލާއަށް ޓެސްޓު ކުރި ހިސާބުން އުފެއްދި އުފެއްދުންތައް ބްލޮކް ކޮށްފައި ވީ ނަމަވެސް، ތަޣައްޔަރު ވެފައިވާ ޝިޕްމަންޓެއް ޑެލިވާ ކުރެވިފައިވާ ކަމަށް ޝައްކު ކުރެވޭ ކަސްޓަމަރުންނާ ގުޅަމުން ދާ ކަމަށް ވޯލޮޕް ވަނީ ހާމަ ކުރައްވާފައެވެ. އަދި އެކުންފުނިން ސަޕްލައިކުރި ޗޮކްލެޓް ބޭނުން ކޮށްގެން ޖޫން 25 ވަނަ ދުވަހަށް ފަހު އުފައްދާފައި ވާ އެއްވެސް އުފެއްދުމެއް ނުވިއްކުމަށްވެސް ކްލަޔަންޓުންނަށް އަންގާފައި ވާ ކަމަށް ވޯލޮޕް ވިދާޅުވިއެވެ.

ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކާއެކު އޮޕަރޭޓް ކުރަމުން ދިޔަ ދުނިޔޭގެ އެންމެ ބޮޑު ޗޮކްލެޓް ކާރުހާނާއިން ސެލްމޮނެއްލާ ބެކްޓީރިއާ ފެނުމާއެކު، ކަމާ ބެހޭ ފަރާތްތަކުން ދަނީ އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ.