އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާގެ ދިވެހި ލޯބިވެރިޔާ އަދި އައިޖީއެމްއެޗްގެ ނަރުސް ހަލީމަތު ލަމްހާގެ ބަންދަށް ބަދަލެއް ގެންނަންޖެހޭ ހާލަތެއް ނެތް ކަމަށް ނިންމާ، ބަންދު ދަމަހައްޓައިފިއެވެ.
މިއަދު މި މައްސަލައިގެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައި ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށަހަޅައި އެއަށް ރައްދުދިނުމުގެ މަރުހަލާއެވެ. އަދި މި އަޑުއެހުމުގައި ލަމްހާގެ ބަންދު މުރާޖައާވެސް ވަނީ ކުރިއަށްގެންގޮސްފައިވާއިރު މިހާރެކޭ އެއްގޮތަށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމާ އޭނާގެ ބަންދު ވަނީ ދަމަހައްޓާފައެވެ.
ދައުލަތުގެ ފަރާތުން ވަނީ ލަމްހާގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެކިން ބަލައިނުގަތުމަށް ހުށައަޅާފައެވެ. އެއީ އޭގެން ބައެއް ހެއްކަކީ ދައުލަތުގެ ހެކީން ކަމަށް ވުމާއި ކަމާ ނުބެހޭ ހެކީންވެސް އޭގެ ތެރޭގައި ހިމަނާފައިވާތީ ކަމަށް ދައުލަތުގެ ވަކީލުން ފާހަގަކުރެއެވެ.
ލަމްހާގެ ދިފާއީ ވަކީލް އަހުމަދު ޔާމީން ވަނީ ދިފާއުވުމަށް ކޮންމެ ހެއްކެއްވެސް ލަމްހާއަށް ހުށަހެޅޭނެ ކަމަށާއި އެއީ ދައުލަތުގެ ހެއްކެއް ކަމަށްވިޔަސް ހެކި ބަސް ނަގާ ސަބަބު ތަފާތު ކަމަށެވެ. އަދި އެހެން ދުވަސްތަކުގެ ޝަރީއަތުގެ އަޑުއެހުމެކޭ އެއްގޮތަށް މިއަދުގެގައިވެސް ދިފާއީ ވަކީލުން ވަނީ ޝަރުތަކާއެކު ލަމްހާ ބަންދުން ދޫކޮށްދޭން އެދި އެކަމުގެ ސަބަބުތައް ތަފްސީލީ ގޮތެއްގައި ބަޔާން ކޮށްދެއްވައިފައެވެ.
އެހެންނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ ލަމްހާގެ ބަންދަށް ބަދަލެއް ގެންނަންޖެހޭ ހާލަތެއް ނެތް ކަމަށް ނިންމަވާފައެވެ.
ދެން މި މައްސަލާގައި އޮންނާނީ ހުށައެޅުންތަކަށް ގޮތެއްނިންމުމުގެ އަޑުއެހުން ކަމަށާއި ގާޒީ ފާއިޒު ވަނީ އަންނަ އޯގަސްޓު މަހުގެ ތެރޭގައި އެކަމަށްޓަކައި އަޑުއެހުމެއް ބާއްވަވާނެ ކަމަށް ވިދާޅުވެފައެވެ.
މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.
މިދިޔަ މޭ މަހު ބޭއްވި އެންމެ ފަހުގެ އަޑުއެހުމުގައި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުކުރުމަށް 110 ހެކި ދައުލަތުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 74 ހެއްކަކީ ޝަފަހީ ހެކި ކަމަށް ވެސް ވަނީ ބުނެފައެވެ. އަނެއް ދެ ދައުވާ ސާބިތުކުރުމަށް 18 ހެކި ހުށަހަޅާފައި ވާއިރު އޭގެތެރޭގައި 11 ޝަފަހީ ހެކި ހިމެނެއެވެ. ދައުލަތުން ލިޔުމުން ތަފްސީލީ ގޮތެއްގައި ހެކިތައް ހުށަހަޅާ ސަބަބު ބަޔާންކޮށްފައި ވާތީ އަޑުއެހުމުގައި ކިޔައިދީފައެއް ނުވެއެވެ.
ދައުވާތަކަށް އިންކާރުކޮށްފައި ވާތީ ލަމްހާގެ ފަރާތުން ވެސް ވަނީ 11 ދިފާއީ ހެއްކެއް ހުށަހަޅާފައެވެ. އެގޮތުން މޭރީއާއި މާވިންގެ ދަރިފުޅު އަބަދުވެސް އެ ގެއަށް ގެނެސްގެން ބަލައިދޭކަން ސާބިތުކުރަން ލަމްހާގެ ގޭގައި ދިރިއުޅޭ އޭނާގެ މަންމަ އާއި ދައްތަގެ ހެކި ވަނީ ހިމަނާފައެވެ. އަދި ފުލުސް އޮފިސަރުންނާއި އައިޖީއެމްއެޗްގެ މުވައްޒަފުންގެ އިތުރުން މޭރީގެ އޮޓޮޕްސީ ރިޕޯޓު ހެދި ދެ ޑޮކްޓަރުން ވެސް ލަމްހާގެ ދިފާއުގައި ވަނީ ހުށަހަޅާފައެވެ.
މޭރީގެ މަރުގެ މައްސަލައިގާ އޭނާގެ ފިރިމީހާ، މާވިން އެސްވައި ވާގަސް އާއި ލަމްހާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާއިރު މާވިންއާ ދެކޮޅަށް ދައުލަތުން މިދިޔަ ހޯމަ ދުވަހު ވަނީ 110 ހެކި ހުށައަޅާފައެވެ.
ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރި މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ހަބަރު ފަތުރާފައެވެ. ނަމަވެސް އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.