އިންޑިއާ އިން ރާއްޖޭގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކަކަށް އެޑްވާންސްކޮށް ހަތަރު މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދީފިއެވެ.
އިންޑިއާގެ ހައިކޮމިޝަނުން ބުނީ އިންޑިއާ ސަރުކާރުން ރާއްޖޭގެ ހަތް އަތޮޅެއްގައި ހިންގަން ނިންމާފައިވާ ހައި އިމެޕްކެޓް މަޝްރޫއުގެ މޯބިލައިޒޭޝަން ނުވަތަ އެ މަޝްރޫއުތައް ހިންގުމަަށް ބޭނުންވާ ތަކެއްޗާއި މީހުން ހޯދުމުގެ މަސައްކަތް ފެށުމަށް އެޑްވާންސްގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
އެ މަޝްރޫއުތަކަކީ މިދިޔަ މާޗު މަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ޖައިޝަންކަރް ރާއްޖެ އަށް ކުރެއްވި ދަތުރުގައި އިއުލާންކުރެއްވުމަށްފަހު މިދިޔަ އެޕްރީލް މަހު އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރި މަޝްރޫއުތަކެވެ. އެ މަޝްރޫއުތަކަށް އިންޑިއާއިން ވަނީ 155 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމާފައެވެ.
އެގޮތުން އދ. ދިގުރަށާއި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރެއް ހެދުމާއި ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީ ޔުނިޓެއް ހެދުމާއި ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗަކުރުމަށް ވޯކްޝޮޕެއް ހެދުމާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ހެދުން ހިމެނެއެވެ.
މީގެއިތުރުން ނ. މަނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުމާއި ނ. ލަންދޫ އަދި ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މަރާމާތުކޮށް، ރައްކާތެރިކުރުން އެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
އިންޑިއާ ސަރުކާރުން 10 މިލިއަން ރުފިޔާ ހަރަދުކޮށްގެން، ދިގުރަށާއި ގެމަނަފުށީގައި ހަދާ ޔޫތު ސެންޓަރުތަކުގައި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތަކުގެ އިތުރުން ޖިމާއި އޮފީސް ސްޕޭސް އަދި ބައްދަލުވުންތައް ބާއްވާނެ މީޓިން ރޫމް ހުންނައިރު މަނަދޫގައި ހަދާ ބައިނަގަލްއަގުވާމީ މިންގަނޑަށް ފެތޭނެ ސްޕޯޓްސް ކޮމްޕްލެކްސް ހެދުމަށް އަށް މިލިއަން ރުފިޔާ ދޭން ވަނީ ނިންމާފައެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ހަދާ ސްޕީޗް ތެރަޕީ ޔުނިޓުގެ ޕްރޮޖެކްޓް ނުވަ ލައްކަ ރުފިޔާގެ ހީލޭ އެހީގެ ދަށުން ހިންގަން ނިންމާފައިވާއިރު ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗާކުރުމަށް ވޯކްޝޮޕެއް ހަދަނީ 1.99 މިލިއަން ރުފިޔާގެ ހިލޭ އެހީގައެވެ. އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ހަދާ މެންޓަލް ހެލްތު ސެންޓަރަށް 665،000 ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ.
ލަންދޫގެ އާސާރީ ތަނެއް ކަމަށްވާ މާބަދުގެ އާއި ދިޔަމިގިލި ދަރިކޮޅުގެ ރަސްމަތިފުށާ ގުޅޭ ގަނޑުވަރު މަރާމާތުކޮށް ރައްކާތެރިކުރުމަށް 5.2 މިިލިއަން ރުފިޔާ އެ ޕްރޮޖެކްޓަށް ކަނޑައަޅާފައިވެއެވެ.