ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ދީނީ އިލްމުވެރިން ކަމަށްވާ ޝައިޚް ފަޒްލޫން ބިން މުހައްމަދާއި، ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިމަހު 21 ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިޚް ފަޒްލޫން އަދި ޝައިޚް ނިޝާން ހައްޔަރުކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އޭރު އެ ދެމީހުން ބައްދަުގެ މުއްދަތަށް 7 ދުވަސް ޖަހާފައިވާއިރު އެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން ދައުލަތުން ވަނީ ދެ ޝައިހުން ވެސް ބަންދުގައި ބެހެއްޓުމަށް އެދިފައެވެ.

މިގޮތުން ޝައިޚް ފަޒްލޫންގެ ބަންދަށް 7 ދުވަސް އަދި ޝައިޚް ނިޝާންގެ ބަންދަށް 3 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހާފައެވެ.

ޝައިހް ނިޝާން ހައްޔަރުކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ނިޝާން ހައްޔަރުކޮށްފައި ވަނީ އެސްއޯ ފުލުހުން އޭނާ ވަށާލުމަށް ފަހުއެވެ. ޝައިހް އެއިރު ނިޝާންގެ ދަރިފުޅު އޭނާގެ ކައިރީގައި ބިރުން ހުރިހެން ހީވިއެވެ. އެއާއެކު އޭނާ ބައްދާލާ ތަން ވެސް އެ ވީޑިއޯއިން ފެނެއެވެ. އެހެންވެ ސޯޝަލް މީޑިއާގައި ގިނަ މީހުން ފުލުހުންނަށް ފާޑުކިޔާފައި ވެސް ވެއެވެ.

ޝައިޚް ފަޒްލޫނާއި ޝައިޚް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ނަގައިފައެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫނަށް ދީފައިވާ ހުއްދަ ނަގާފައި ވަނީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިޚުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަމުން ދާތީ ކަމަށެވެ.

ޝައިޙުންގެ އިތުރުން، އެ ދުވަހު ދެން ހައްޔަރުކުރީ ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން (ޓަކީ) އާއި، ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމް ހަރަކާތް ކޮމިޓީގެ މުގައްރިރު މުހައްމަދު އިސްމާއީލެވެ. އޭގެ ތެރެއިން ރައްޒާން މިދިޔަ އަންގާރަ ދުވަހު ވަނީ ދޫކޮށްލާފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާރު 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ ހަމަނުޖެހުމާ ގުޅިގެން އެންމެ ފަހުން ހައްޔަރު ކުރި 2 މީހުން ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ހައްޔަރު ކުރި 21 މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މުދަލަށް ގެއްލުން ދިނުމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ.