ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގއ. ގެމަނަފުއްޓަށް މިއަދު ތައާރަފް ކޮށްފިއެވެ.

އުރީދޫން ބުނީ، 100 އެމްބީޕީއެސް އާ ހަމައަށް ހަލުވި ސްޕީޑްގައި ގެމަނަފުއްޓަށް ސުޕަނެޓުގެ ހިދުމަތް މިއަދު ތައާރަފް ކޮށްފައިވާ ކަމަށެވެ. އެގޮތުން ސުޕަނެޓުގެ ހިދުމަތް އަލަށް ހޯދާ ކަސްޓަމަރުންނަށް ތިން މަހަށް 300 ޖީބީގެ ހިލޭ ޑޭޓާ ލިބޭނެ ކަމަށް، އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ، ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން އުރީދޫ ސުޕާނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައިވާ ކަމަށެވެ.

މި ބަދަލުގެ ދަށުން ސުޕާނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު 100 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސުޕާނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އަށް އިތުރުވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، ގެމަނަފުށީގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށެވެ.