އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާގެ ދިވެހި ލޯބިވެރިޔާ އަދި އައިޖީއެމްއެޗްގެ ނަރުސް ހަލީމަތު ލަމްހާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

މާދަމާ މެންދުރުފަހު 2:30 އަށް އެ އަޑުއެހުން ތާވަލްކޮށްފައިވާއިރު އެ މައްސަލާގައި މިދިޔަ ހޯމަ ދުވަހު ބާއްވަން ތާވަލްކުރި ލަމްހާގެ ޝަރީއަތުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

މި މައްސަލާގައި މިދިޔަ މޭ މަހު ބޭއްވި އެންމެ ފަހުގެ އަޑުއެހުމުގައި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުކުރުމަށް 110 ހެކި ދައުލަތުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 74 ހެއްކަކީ ޝަފަހީ ހެކި ކަމަށް ވެސް ވަނީ ބުނެފައެވެ. އަނެއް ދެ ދައުވާ ސާބިތުކުރުމަށް 18 ހެކި ހުށަހަޅާފައި ވާއިރު އޭގެތެރޭގައި 11 ޝަފަހީ ހެކި ހިމެނެއެވެ. ދައުލަތުން ލިޔުމުން ތަފްސީލީ ގޮތެއްގައި ހެކިތައް ހުށަހަޅާ ސަބަބު ބަޔާންކޮށްފައި ވާތީ އަޑުއެހުމުގައި ކިޔައިދީފައެއް ނުވެއެވެ.

ދައުވާތަކަށް އިންކާރުކޮށްފައި ވާތީ ލަމްހާގެ ފަރާތުން ވެސް ވަނީ 11 ދިފާއީ ހެއްކެއް ހުށަހަޅާފައެވެ. އެގޮތުން މޭރީއާއި މާވިންގެ ދަރިފުޅު އަބަދުވެސް އެ ގެއަށް ގެނެސްގެން ބަލައިދޭކަން ސާބިތުކުރަން ލަމްހާގެ ގޭގައި ދިރިއުޅޭ އޭނާގެ މަންމަ އާއި ދައްތަގެ ހެކި ވަނީ ހިމަނާފައެވެ. އަދި ފުލުސް އޮފިސަރުންނާއި އައިޖީއެމްއެޗްގެ މުވައްޒަފުންގެ އިތުރުން މޭރީގެ އޮޓޮޕްސީ ރިޕޯޓު ހެދި ދެ ޑޮކްޓަރުން ވެސް ލަމްހާގެ ދިފާއުގައި ވަނީ ހުށަހަޅާފައެވެ.

ލަމްހާގެ ކޮންމެ އަޑުއެހުމެއްގައިވެސް ދިފާއުން ވަނީ ލަމްހާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ގޭ ބަންދަށް ބަދަލުކުރަން އެދެމުންނެވެ. ލަމްހާގެ މައިބަދައިގެ ޑިސްކަށް ގެއްލުންވެފައިވާ ކަމަށާއި ޑޮކްޓަރުން ބެޑް ރެސްޓުކުރަން އިރުޝާދުދީފައިވާ ކަމަށް ލަމްހާގެ ދިފާއުން ފާހަގަކުރާއިރު ލަމްހާ ވަނީ ޕީޖީ އިން ވަކި މުއްދަތެއްގެ ތެރޭގައި ކަންކަން އަވަސް އަވަހަށް ކުރަން ހަދައިގެން އޭނާގެ މައިބަދައިގެ ހަލާކު ނުވާ ބައިވެސް ހަލާކުވަމުން ދާހެން ހީވާ ކަމަށް ބުނެފައެވެ.

މޭރީގެ މަރުގެ މައްސަލައިގާ އޭނާގެ ފިރިމީހާ، މާވިން އެސްވައި ވާގަސް އާއި ލަމްހާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު މާވިންއާ ދެކޮޅަށް ދައުލަތުން މިދިޔަ ހޯމަ ދުވަހު ވަނީ 110 ހެކި ހުށައަޅައިފިއެވެ.

ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރި މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ހަބަރު ފަތުރާފައެވެ. ނަމަވެސް އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.