ކިއުބާއިން ހަތަރު ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ހެލްތް މިނިސްޓްރީން ބުނީ އެ ޓީމްގައި ހަތަރު ސްޕެޝަލިސްޓުން ހިމެނޭ މިއަދު ރާއްޖެ އައިސްފާ ވާއިރު، އަންނަ އާދިއްތަ ދުވަހު އިތުރު 12 ސްޕެޝަލިސްޓުން އަންނާނެ ކަމަށެވެ.

އެ ޓީމްގައި ހެމޮޓޮލިސްޓަކާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި މަސައްކަތްކުރުމަށް ސައިކޭޓްރިސްޓަކާއި ދަމަނަވެށީގައި މަސައްކަތް ކުރުމަށް ފެމިލީ މެޑިސިން ޑޮކްޓަރަކާއި އަތޮޅު ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރުމަށް އެތެރެހަށީގެ ހާއްސަ ޑޮކްޓަރުންނާއި އޮޕަރޭޝަން ޑޮކްޓަރަކާއި ހޭނައްތާ ޑޮކްޓަރުން އަދި ރޭޑިއޮލޮޖިސްޓެއް ހިމެނެއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ބޭނުންވާ ޑޮކްޓަރުން ގެނައުމަށް ކިއުބާ ސަރުކާރާ އެކު ހެލްތު މިނިސްޓްރީން ސޮއިކުރީ މިދިޔަ ޑިސެމްބަރު 8 ގައެވެ.

އެ އެއްބަސްވުމުގެ ދަށުން ޑޮކްޓަރުންގެ ފުރަތަމަ ބެޗް މިއަދު ވަނީ ރާއްޖެ އައިސްފައި ވާއިރު، އެ އެއްބަސްވުމުގެ ދަށުން ކިއުބާއެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ޕްރައިމަރީ ހެލްތު ކެއާއަށް އިސްކަންދޭ ސިއްހީ ނިޒާމެއް ބިނާކުރުމަށް މިނިސްޓްރީން ކުރާ މަސައްކަތަށް އިތުރު އެހީތެރިކަމާއި ކުރިއެރުން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިއުބާއަކީ އާއްމުންގެ ދުޅަހެޔޮ ސިއްހަތެއް ކަށަވަރު ކުރުމަށް ރަނގަޅު ފަރުވާއެކޭ އެއްގޮތަށް ޕްރައިމަރީ ހެލްތު ކެއާއަށް އިސްކަންދޭ ގައުމެކެވެ.