ބްލެކްމެއިލިން އަދި ލީކުވެފައިވާ ވީޑިއޯތަކުގެ ކޭސްތައް ތަހުގީގުކުރަން ބޭރުގެ ޓީމަކުން ހަރަކާތްތެރި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ދާދި ފަހުން ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ އަދި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު ފުލުހުން އެމައްސަލަތައް ތަހުގީގު ކުރަމުންދަނީ ބޭރުގެ ޓީމަކާއެކު ކަމަށް އަޑުތައް ވަނީ އަރާފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ބްލެކްމެއިލިން އަދި ލީކުވެފައިވާ ވީޑިއޯތަކުގެ ކޭސްތައް ތަހުގީގުކުރަން ބޭރުގެ އެއްވެސް ޓީމަކުން ބައިވެރިވެފައި ނުވާ ކަމަށާއި މި ކޭސްތައް ތަހުގީގު ކުރަމުންދަނީ ދިވެހި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން މީގެ ކުރިން ފުލުހުންގެ ފަރާތުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެފައި ވަނީ އެއް ޖިންސުން ގުޅުން ހިންގުމަކީ ގާނޫނީ ގޮތުން ބޮޑު އަދަބު ކަނޑައެޅިފައި އޮތް ކުށެއް ކަމަށާއި ފުލުހުންގެ އިދާރާއަށް ހުށަހެޅޭ މިފަދަ މައްސަލަތައް މިހާރުވެސް އަދި ކުރިންވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިހާރު ބްލެކްމެއިލް ކުރުމާއި ބިރު ދެއްކުމުގެ މައްސަލަ ބަލަމުން ދާ ކަމަށާއި އެއް ޖިއްސުން ގުޅުން ހިންގުމުގެ މައްސަލަ ވެސް ބަލައި ތަހުގީގު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވަނީ އަދިވެސް ގިނަ ބައެއްގެ ވީޑިއޯތައް އަޕްލޯޑްކުރަމުން އަންނަކަން ފާހަގަކުރައްވާ ތަހުގީގަށް ހުރަސް އެޅޭގޮތަށް އެޑްވާސްކޮށް އެ މައުލޫމާތުތައް ނުފެތުރުމަށް އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބުނާ ބަރަހަނާ ހާލުގައި އޮތް ފޮޓޯއެއް ޓުވިޓާގައި ލީކްވެފައި ވާއިރު ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިއަކު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ކަމަށް ބުނެވެސް އަންނަނީ ވީޑިއޯއެއް ދައުރުވަމުންނެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ތުހުމަތުކޮށް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ.