ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަ ކުރަން ނިންމާފައިވާ ކަމަށް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ހަރަކާތްތައް ހުއްޓާލައިގެން ތިބުމަށް ފަހު ރޭ ޖުމްހޫރީ ޕާޓީގެ އޮފީސް ކުނޫޒުގައި "ތައްޔާރު"ގެ ނަމުގައި ބޭއްވި ޖަލްސާގައި ގާސިމް ވަނީ މިދިޔަ ދެ އަހަރު ދުވަހު އެ ޕާޓީން މަސައްކަތް ކޮށްފައި ވަނީ ޕާޓީ އަށް މެންބަރުން އިތުރު ކުރުމަށް ކަމަށާއި، އެގޮތުން އަމާޒަކީ 30،000 މެންބަރުން ހަމަކުރުން ކަމަށް ވިދާޅުވެފައެވެ.

އެއާއެކު، އެ ޕާޓީގެ ކޮންގްރެސް އަށް ވެސް ތައްޔާރުވަމުން ދާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި، މިހާތަނަށް ޕާޓީގެ ކައުންސިލުން ނިންމާފައި އޮތީ އެ ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރުމަށެވެ. ހަމަ އެހެންމެ، ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން، ޕްރައިމަރީއެއް ބާއްވާނެތޯ ވެސް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ގާސިމް ވިދާޅުވީ، ކޯލިޝަނެއްގައި މަސައްކަތް ކުރުމަށް، ނުވަތަ ވަކިން މަސައްކަތް ކުރުމާ މެދު އެ ޕާޓީގެ ކައުންސިލުން ގޮތެއް ނިންމާނެ ކަމަށެވެ.

"އެންމެ ފަހުން ބާއްވާފަ އޮތް ބައްދަލުވުންތަކުގަ ނިންމާފަ އޮތީ ކެންޑިޑޭޓެއް ނެރޭނެއޭ." ގާސިމް ވިދާޅުވިއެވެ.

ގާސިމް މިފަދައިން ވިދާޅުވިއިރު، އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު މީގެ ކުރިން ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް އިންތިހާބުގައި ކުރިމަތިލާނެއެވެ. އަދި އެ ނިންމުމަށް ބަދަލެއް ގެންނަން ނުނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައީސް ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވި ނަމަވެސް އެފަދަ ހުށަހެޅުމެއް ޖުމްހޫރީ ޕާޓީއަށް ލިބިފައިނުވާ ކަމަށާއި، ރަސްމީކޮށް އެފަދަ ހުށަހެޅުމެެއް ލިބުމުން ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.