ޔޫކްރައިންއަށް ވެރިވެގަނެގެން އުޅޭ ރަޝިއާއިން ޔޫކްރައިންގެ ފަސްގަނޑުގައި ހިންގަމުންދާ ޖަރީމާތައް ތަހުގީގުކޮށް، ރަޝިއާ ޖަވާބުދާރީ ކުރުވުމަށް، ބައިނަލްއަގުވާމީ ފެންވަރުގެ ޓްރައިބިއުނަލެއް ގާއިމު ކުރުމަށް ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ، އދއަށް ގޮވާލައްވައިފިއެވެ.

އދގެ ސަލާމަތީ މަޖިލީހަށް ދެއްވި ވާޗުއަލް ތަގުރީރެއްގައި ޒެލެންސްކީ ވިދާޅުވީ ރަޝިއާއިން މީހުން މެރުމައިގެން ބާރު ދުވެލީގައި ކުރިއަށް ދާ އިރު، އެކަން ހުއްޓުވުމަށް ކުރެވެން އޮތް ހާ ކަމެއް، މިހާރުން މިހާރަށް ކުރަން ޖެހޭ ކަމަށެވެ. އެހެން ނޫން ކަމުގައި ވަނީނަމަ، ރަޝިއާ "ޓެރަރިސްޓް ހަރަކާތްތައް" ވިލާތާއި އޭޝިއާގެ އެހެން ގައުމުތަކަށް ފެތުރިގެން ހިނގައިދާނެ ކަމަށް ވިދާޅުވެ، ޒެލެންސްކީ ވަނީ ޕޯލަންޑް، މޮލްޑޯވާ އަދި ކަޒަކިސްތާނުގެ ނަން ވަކިން ފާހަގަ ކުރައްވާފައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޒެލެންސްކީ ވިދާޅުވީ ޕޫޓިންއަކީ މިހާރު ޓެރަރިސްޓެއް ކަމަށާ، ހަފުތާ ބަންދެއް ނެތި ކޮންމެ ދުވަހަކުވެސް ޓެރަރިސްޓް ޖަރީމާތައް ހިންގުމުގައިގެން ކުރިއަށް ދާ ކަމަށެވެ.

ޒެލެންސްކީ ވަނީ 193 ގައުމުގެ މައްޗަށް އެކުލެވިގެންވާ އދއިން ރަޝިއާ ބޭރު ކުރުމަށްވެސް ގޮވާލައްވާފައެވެ. ޒެލެންސްކީ އެކަމަށް ގޮވާލައްވާފައި ވަނީ އދ ޗާޓަރުގެ 6 ވަނަ މާއްދާއަށް ރިއާޔަތް ކުރައްވަމުންނެވެ. އެ މާއްދާ ބުނާ ގޮތުގައި އދގެ ޗާޓަރާ ތަކުރާރުކޮށް ހިލާފު ވަމުންދާ މެންބަރަކު އެ ޖަމިއްޔާއިން ބޭރު ކުރުމުގެ އިހުތިޔާރު އޮވެއެވެ. ނަމަވެސް އެއީ ސަލާމަތީ މަޖިލީހުގެ އިރުޝާދަށް ބިނާކޮށް، އާންމު މަޖިލީހުން ނިންމާ ނިންމުމެކެވެ.

ކަން މިހެން އޮތް އިރު ރަޝިއާގެ ރައީސް ވަނީ ތޯލިބާނުންނާ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަން އިއުލާން ކުރައްވާފައެވެ.

ތޯލިބާނުންނާ ގުޅުން ބަދަހި ކުރުމަށް މަސައްކަތެއް ކުރިއަށް ދާ ކަމަށާ، އަފްގާނިސްތާނުގެ ގަބީލާ ދަރިކޮޅުތަކުން ގައުމު ހިންގާ މަންޒަރު ދުށުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޕޫޓިން ވަނީ ވިދާޅުވެފައެވެ.

މިފަދަ ރޫހެއްގައި ޕޫޓިން ވާހަކަފުޅުދައްކަވާފައި ވަނީ ތަޖިކިސްތާނުގެ ރައީސް އިމުމާލީ ރަހްމާންއާއެކު ކުރިއަށް ގެންދެވި މަޝްވަރާތަކުގައި ކަމަށް މައުލޫމާތު ލިބެއެވެ.