މާ ބޮޑު ކަމެއް ކުރަން ޖެހިވަޑަައި ނުގަންނަކަމަށާ، ރައްޔިތުންގެ މަޖިލިހަށް ހާޒިރުވެ ވަޑައިގަތުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިހަށް 87 މެންބަރުން އައްޔަނުކޮށްފައި ތިބޭއިރު، މަޖިލިހުގެ ޖަލްސާ އަށް ބައެއް މެންބަރުން ހާޒިރުވަނީ ވަރަށް މަދުންނެވެ. އެކަމާ އާންމުން ބައެއް ފަހަރު ސޯޝަލް މީޑިއާގައި އެކަމާ މެދު ނުރުހުން ފާޅުކޮށް، މެންބަރުންނަށް ފާޑުކިޔާފައި ވެސް ވެއެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ގާސިމެވެ.

ގިނަ ދުވަސްތަކަކަށް ފަހު ޖުމްހޫރީ ޕާޓީން ރޭ އެ ޕާޓީގެ އޮފީހުގައި ޖަލްސާއެއް ބޭއްވިއިރު، "ތައްޔާރު"ގެ ނަމުގައި ބޭއްވި އެ ޖަލްސާގައި ގާސިމް ވަނީ އެ ފާޑުކިއުންތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން، މަޖިލިހަށް ހާޒިރު ވެވަޑައިގަތަސް ނުގަތަސް، މާ ބޮޑު ކަމެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އެތަނަށް ދިޔުމެކޭ ނުދިޔުމެކޭ އެއްވަރުވީމަ ދެން ކޮންމެހެން އެތަނަށް ދިޔުމުގެ މާބޮޑު ބޭނުމެއް ނެތެއް ނޫންތޯ؟"
ގާސިމް އިބްރާހީމް | ޖުމްހޫރީ ޕާޓީގެ ރައީސް އަދި މާމިގިލި ދާއިރާގެ މެންބަރު

ނުސީދާކޮށް ގާސިމް ވިދާޅުވި ގޮތުގައި، މަޖިލީހުގައި ތިބި 87 މެންބަރުންގެ ތެރެއިން، ރައްޔިތުން ވަނީ 65 މެންބަރަކު އިންތިހާބުކޮށް، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ސުޕާ މެޖޯރިޓީ ދީފައެވެ. އެ މެންބަރުންގެ ތެރޭގައި ހިނގާ ކަންކަން އާންމުންނަށް އެނގޭ ކަމަށާއި، އެކަމާ ބެހޭ އެއްވެސް ވާހަކައެއް ދައްކަވަން ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ.

ހަމަ އެއާއެކު، ގާސިމް ވިދާޅުވީ، ކަންތައްތައް އިންސާފުން ދާތަން ނުފެނުމަކީ މަޖިލިހަށް ހާޒިރުވެވަޑައިގަންނަވަން ދަތިވާ އަނެއް ސަބަބު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހާޒިރީއަށް ބަލައިލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ދައުރުގެ އެއްވެސް ޖަލްސާއަކަށް ގާސިމް ހާޒިރުވެ ވަޑައިގެންފައެއް ނުވެއެވެ. ދެވަނަ ދައުރުގައި ވެސް ގާސިމް ގިނަ ޖަލްސާތަކަށް ހާޒިރުވެ ވަޑައިގެންފައި ނުވާއިރު، ގިނަ ދުވަހު ހުންނެވީ ސަލާމުގައެވެ. އެ ދުވަސްވަރު ގާސިމް ހުންނެވީ ސަން އައިލެންޑް ރިސޯޓުގައެވެ.