ކުދި ވިޔަފާރިތަކުން ޑިޖިޓަލްކޮށް މައުލޫމާތު ހޯދުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި އުރީދޫން ވިޔަފާރިވެރިންނަށް ހާއްސަ ސެޝަންތަކެއް ފަށައިފިއެވެ.

އުރީދޫން ބުނި ގޮތުގައި އިއްޔެ ފެށި އެ ސެޝަންތަކުގެ ބޭނުމަކީ:

  • ކުދި ވިޔަފާރިތަކުގެ ކޮމިއުނިޓީއަށް އޮންނަ ބައިވެރިވުން ރަނގަޅުކުރުން
  • ވިޔަފާރިތަކަށް ޑިޖިޓަލްކޮށް ހިދުމަތް ހޯދުމަށް މަގުފަހިކޮށްދިނުން
  • ވިޔަފާރިތައް ޑިޖިޓަލް ހިދުމަތްތަކަށާއި އެ ހިދުމަތްތަކުން ލިބޭ ފަސޭހަތަކަށް ހޭލުންތެރި ކުރުވުން

އެ ސެޝަންތައް އުރީދޫން އިއްޔެ ފަށާފައިވަނީ ކުދި ވިޔަފާރިތަކަށް ހާއްސަ ވިޔަފާރިވެރިންތަކާ އެކީގައެވެ.

އެ ސެޝަންތަކުގެ ސަބަބުން، ވަޒީފާ ބޭނުންވާ ފަރާތްތަކަށް ފުރުސަތުތައް ފަހިވެ، ވިޔަފާރިތަކަށް ފައިދާވެ، ކުރި އަރައިގެން ދާނެ ކަމަށް އުރީދޫން ބުނެއެވެ.

އިއްޔެގެ ސެޝަންގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ، ރާއްޖެއަށް ބޭނުންވާ ވިޔަފާރީގެ ދާއިރާތަކާއި، އެ ދާއިރާތައް ކުރިއެރުވުމަށް ހުރި ދަތިތަކާއި އަދި އެ ދަތިތަކަށް ހުރި ހައްލުތަކާ ގުޅޭ ގޮތުންނެވެ.

މިއީ އަދި އަލަށް ފެށި މަސައްކަތެއް ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ރަށްރަށަށް އެ ސެޝަންތައް ފުޅާ ކުރާނެ ކަމަށް، އުރީދޫން ބުންޏެވެ.