ދައުލަތުގެ ވަކިވަކި މުއައްސަސާތަކުގެ އަމަލުތައް ހުންނަ ގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގައި ރާއްޖޭން ގެންގުޅޭ ނިޒާމާ ދޭތެރޭ އޮންނަ އިތުބާރު ކުޑަވާ ކަމަށް، ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

"ވަޔަލެންސް އަގެއިންސްޓް ޗިލްޑްރަން: ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން"ގެ ނަމުގައި ކުޑަކުދިންނަށް ކުރާ އަނިޔާ އާ ދެކޮޅަށް ފުލުހުން ފެށި ކޮންފަރެންސް ބައްދަލުވުން އިފްތިތާހު ކުރުމަށް ކްރޮސްރޯޑްސްގައި މިއަދު ބޭއްވި ބޭއްވި ރަސްމިއްޔާތުގައި ފަޒްނާ ގޮވާލެއްވި ކަންތައްތަކުގެ ތެރޭގައި:

  • ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި މުއައްސަސާތަކާއި އާންމުން އަދާކުރަންވީ ދައުރު ދެނެގަތުމަށް
  • ކަމާބެހޭ މުއައްސަސާތައް ގުޅިގެން، އަނިޔާ ލިބިފައިވާ ކުދިންގެ ހައްގުތައް ކަށަވަރު ކުރުމަކީ އިސް ކަމެއްގެ ގޮތުގައި ދެކިގެން ކުރިއަށް ދިއުމަށް

ފަޒްނާ ވިދާޅުވި ގޮތުގައި، ވަކިވަކި މުއައްސަސާތަކުން އަމަލުކުރާ ގޮތުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގައި ރާއްޖޭން ގެންގުޅޭ ނިޒާމާ ދޭތެރޭ އޮންނަ އިތުބާރު، މުޖުތަމައުގެ ތެރޭގައި ކުޑަވެގެން ދެއެވެ. އަދި ރާއްޖެއަކީ އިންސާނީ ވަސީލަތް މަދު ގައުމެއް ކަމާއި، އެ ވަސީލަތްތަކުގެ ބޭނުން ހިފޭނީ ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމުން ކަން، އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ޔުނިސެފާއި ފުލުހުން ގުޅިގެން ތިން ދުވަހުގެ މުއްދަތަކަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ކޮންފަރެންސް ބައްދަލުވުމުގެ ބޭނުންތަކަކީ:

  • ކުޑަކުދިންނާ ގުޅޭގޮތުން ހުރި ގާނޫނުތަކަށް ހިންގުމުގެ ދާއިރާގެ ފުލުހުން އަހުލުވެރިކުރުވުން
  • ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށް ފަހު، ދޮޅު އަހަރުގެ އެކްޝަން ޕްލޭނެއް އެކުލަވައިލުން
  • އެ އެކްޝަން ޕްލޭންގައި އިސްކަން ދޭންވީ ކަންކަން ދެނެގަތުން