ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ހައްޔަރުކުރި ވަގުތު، ނިޝާންގެ ދަރިފުޅު ފެންނަ ހިސާބުން ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ގޮތް ބަދަލުކޮށްފައިވާ ކަމަށް، ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިހް ނިޝާން ހައްޔަރުކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ނިޝާން ހައްޔަރުކޮށްފައި ވަނީ އެސްއޯ ފުލުހުން އޭނާ ވަށާލުމަށް ފަހު،އެވެ. ޝައިހް އެއިރު ނިޝާންގެ ދަރިފުޅު އޭނާގެ ކައިރީގައި ބިރުން ހުދިހެން ހީވިއެވެ. އެއާއެކު އޭނާ ބައްދާލާ ތަން ވެސް އެ ވީޑިއޯއިން ފެނެއެވެ.

އެހެންވެ ސޯޝަލް މީޑިއާގައި ގިނަ މީހުން ފުލުހުންނަށް ފާޑުކިޔާފައި ވެސް ވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރިޔާޒް ވިދާޅުވީ:

  • ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯއިން ފެނުނީ އެއް އޭންގަލަކުން މަންޒަރު ނުބައިކޮށް ކަމަށް
  • ޝައިހް ނިޝާންގެ ދަރިފުޅު ފެނުނު ހިސާބުން ފެށިގެން ފުލުހުންގެ ހަރަކާތް ބަދަލުކޮށްފައިވާ ކަމަށް
  • އެގޮތުން، އެ ސަރަހައްދުގައި ތިބި މީހުން ކޮންޓްރޯލް ކޮށް ޓްރެފިކް ކޮންޓްރޯލް ކުރި ކަމަށް
  • ޝައިހް ނިޝާނާއި ދަރިފުޅު ގާތަށް ދިޔައީ ކުލަ ހެދުމުގައި ތިބި ދެ ފުލުހުން ކަމަށާއި އަދި ދަރިފުޅު ގެއަށް ލުމުގެ ފުރުސަތު ދިން ކަމަށް

"ގެއަށް [ދަރިފުޅު] ލާފައި އައުމުން ދެން [ނިޝާން] ބެލުމުގެ ދަށަށް ގެންދިޔައީ." ރިޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދަރިފުޅު ގާތުގައި ހުރުމުން، އެވަގުތު ޝައިހް ނިޝާން ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. އެއާ އެކު ވެސް ދަރިފުޅު ގޮވައިގެން ގެއަށް ދިއުމުގެ ފުރުސަތު ދިން ކަން ޝައިހް ނިޝާން ފާހަގަ ކުރެއްވި ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ނިޝާންގެ ދަރިފުޅަށް ނަފްސާނީ އެހީތެރިކަން ބޭނުން ނަމަ، ފުލުހުންގެ ވިކްޓިމް ސަޕޯޓް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ހުށަހަޅާފައިވާ ކަމަށާއި، ޖެންޑާ މިނިސްޓްރީން ވެސް ހުށަހެޅި ކަމަށް، އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރާ ގުޅިގެން ޔޫތު މިނިސްޓްރީން ބޭއްވި ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން، ޝައިހް ނިޝާން ހިމެނޭ ގޮތަށް 21 މީހަކު ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މުދަލަށް ގެއްލުން ދިނުމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ.