ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކު ވަދެ ބިދޭސީއަކާ އެކު ލިވާތު ކުރި ކޮޓަރިއަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)، ވަޑައިގެންނެވި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ކޮށްފިއެވެ.

ކާނަލް ނަޝީދުގެ އެ ފޮޓޯތައް އާންމު ކޮށްފައި ވަނީ، މީގެ ކުރިން ވެސް އެފަދަ ވީޑިއޯތަކެއް ލީކުކޮށްފައިވާ ޓްވިޓާ އެކައުންޓުންނެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ނަޝީދު ކޮޓަރިއަކަށް ވަޑައިގެން ހުންނަތާތަން ފެނެއެވެ. އޭރު އޭނާ ހުންނެވީ މާސްކް އަޅުއްވައިގެންނެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި، މީގެ ކުރިން ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރެއްވި ނަޝީދު ވަނީ، އެ ފޮޓޯތަކަކީ އޭނާގެ ފޮޓޯތަކެއް ކަމަށް އިއުތުރާފްވެ ވަޑައިގެންފައެވެ. ނަމަވެސް، އޭނާ އެފަދަ އަމަލެއް ހިންގާފައި ނުވާނެ ކަމަށް އެ ޕޯސްޓުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި:

  • އެ މީހުންގެ މަގްސަދަކީ އޭނާ ލައްވާ އެކަން ކުރުވުން
  • އޭނާ ގެންދިޔައީ ވިޔަފާރި މީޓިން އެއް ކަމަށް ބުނެ
  • ފޮޓޯތައް ލީކު ކޮށްލާނެ ކަމަށް އެ މީހުން ބުނެފައިވޭ

"އަޅުގަނޑު އެކަމުން ބަރީއަވިން. އެ މީހުން މި ފޮޓޯތައް ލީކުކޮށްލާނެ ކަމުގެ ބިރު ދެއްކި. 2 ލައްކަ ޑޮލަރު ހޯދަން އެދުނު. އަޅުގަނޑު ބުނިން ލީކްކޮށްލާށޭ، ލާރިޔެއް ނުލިބޭނެއޭ." ނަޝީދު ކުރެއްވި ޕޯސްޓުގައި ވެއެވެ.

ނަޝީދު ވަނީ އޭނާގެ ބަރަހަނާ ފޮޓޮއެއް ނުހުންނާނެ ކަމަށާއި، އެފަދަ އަމަލެއް ނުކުރުއްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު، މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބުނާ ބަރަހަނާ ހާލުގައި އޮތް ފޮޓޯއެއް ޓުވިޓާގައި ލީކުވެފައި ވާއިރު ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިއަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ކަމަށް ބުނެވެސް އަންނަނީ ވީޑިއޯއެއް ދައުރުވަމުންނެވެ.