މާތް ނަބިއްޔާ އަށް ފުރައްސާރަކޮށް، އިސްލާމްދީނަށާއި ކީރިތި ޤުރުއާނަށް ހަޖޫޖަހަމުން ގެންދިޔަ ހުސައިން ޝައިހާން ފުރާފައި ވަނީ އޭނާ ފުރުން މަނާކުރުމުގެ އަމުރު ހޯދުމަށް ބޭނުންވާ މައުލޫމާތު އެއްކުރަމުން ދަނިކޮށް ކަމަށް، ފުލުހުން ބުނެފިއެވެ.

"ކުރެދިކުރި"ގެ ނަމުގައި ޓްވިޓާގައި ފޭކް އެކައުންޓެއް ހަދައި، ޝައިހާން ދީނަށާއި ޤުރުއާނަށް ހަޖޫޖަހައި މާތް ނަބިއްޔާ އަށް ފުރައްސާރަކޮށް ޓްވީޓް ކޮށްފައިވާކަން ހާމަވެފައިވަނީ އަމިއްލަ ފަރާތަކުން ކުރި ތަހްގީގަކުންނެވެ. އެ މައްސަލަ ފެންމަތިވުމާ އެކު، އޭނާގެ އެކައުންޓް ޑީއެކްޓިވޭޓް ކުރުމަށް ފަހު ސްރީލަންކާ އަށް ފުރާފައި ވާއިރު، ދާދިފަހުން އޭނާ ވަނީ އަލުން ޓްވިޓާގައި އެކްޓިވްވާން ފަށައި ކުރިންް ކުރި ޓްވީޓްތައް ޑިލީޓް ކޮށްލާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ، ޝައިހާން ފުރާފައި ވަނީ އޭނާ މަނާ ކުރުމަށް ކޯޓު އަމުރު ހޯދަން ބޭނުންވާ މައުލޫމާތު އެއްކުރަމުން ދަނިކޮށް ކަމަށެވެ. އެ މައްސަލަ ތަހްގީގު ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި:

  • ޖިނާއީ އިޖުރާތު އޮންނަ ގޮތުން ޕާސްޕޯޓެއް ހިފެހެއްޓުމަށް މުހިންމު މައުލޫމާތާއި ސަބަބު ބޭނުންވޭ
  • ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެނީ އެކަންކަން ހޯދައި ހެއްކާ އެކު ކަށަވަރު ކުރުމަށް ފަހު

"އަޅުގަނޑުމެން އެ [ޝައިހާންގެ] މައްސަލަ ތަހްގީގު ކުރާނަން. އެ މައްސަލަ ނިމުނީކީއެއް ނޫން." އޭނާ ވިދާޅުވިއެވެ.

"މައްސަލައިގައި ތުހުމަތުވާ ފަރާތުގެ [ޝައިހާންގެ] މައްޗަށް އޮތް ތުހުމަތަކުން ވެސް ބަރީއައެއް ނުވާނެ. ގާނޫނު އަރާ ހަމަކުރާނެ. އެ ފަރާތް ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްވެސް އަޅުގަނޑުމެން ކުރާނަން."

އެހެން ބާވަތްތަކުގެ މައްސަލައެކޭ އެއްގޮތަށް، ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަތަކަށް ވެސް ފުލުހުން އަހަންމިއްޔަތުކަން ދޭނެ ކަމަށާއި، އެފަދަ މައްސަލަތައް ތަހްގީގު ކުރާނެ ކަމަށާއި، ދޫކޮށް ނުލާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

މީގެ ކުރިން ގދ. ފިޔޯރީގެ ސްކޫލްގައި ރިލީފް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި ޝައިހާން އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ދެއްކި މައްސަލަތައް ފެންމަތިވެފައިވާއިރު، ވިލިމާލެ މުހްޔިއްދީން ސްކޫލްގައި ވެސް ރިލީފް ޓީޗަރެއްގެ ގޮތުގައި އޭނާ މަސައްކަތްކޮށްފައިވެއެވެ.

ސޯޝަލް މީޑިއާގައި އިސްލާމްދީނަށާއި ކީރިތި ޤުރުއާނަށް ހަޖޫ ޖަހައި މާތް ނަބިއްޔާ އަށް ފުރައްސާރަކުރާ މީހުން ތިބިއިރު، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އާންމުން އެކި ފަހަރު މަތިން ގޮވާލާފައިވެއެވެ.