އެމްޑީޕީ ދެބައިވެ، ރައްޔިތުން މަޖިލީހުންގެ ރައީސް ކަމުން މުހައްމަދު ނަޝީދު ވަކިކުރަން ފުރުސަތު ލިބިއްޖެނަމަ އެންމެ މިނިޓަކުވެސް ނުތިބޭނަން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެއް ޖިންސުން ގުޅުން ހިންގާ އަދި ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތަކާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލަ ނުބެލޭނެ ކަމަށް ނަޝީދު ނިންމެވުމާއެކު، އިދިކޮޅު މެމްބަރުން ވަނީ ތަޅުމުގައި އިހުތިޖާޖު ކުރުމަށް ފަހު، ޖަލްސާ ބޮއިކޮޓް ކުރައްވާފައެވެ.

އެއަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން ތަކުރާރުކޮށް މައިނޯރިޓީގެ އަޑު ކަނޑުވާލައި މަސައްކަތްތަކަށް ހުރަސް އަޅާ ކަމަށާއި އެމްޑީޕީ ދެބައިވެއްޖެ ހާލަތެއް އައިސް، މަޖިލިސް ރައީސް ވަކިކުރުމުގެ ފުރުސަތު ލިބިއްޖެނަމަ އެންމެ މިނިޓެއް ވެސް ނުތިބޭނަން ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގައި މައްސަލަތަކެއް އުފެދިފައިވީ ނަމަވެސް އިސްލާމް ދީނާ ހިލާފު އަދި މުންކަރާތް ހިމެނޭ ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ފެކްޝަން އެއްގަލަކަށް އަރާ ކަމަށް ސަލީމް ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި އެތައް ފާސިގު ކަންތައްތަކެއް މި ސަރުކާރުން ކުރަމުންދާތީ ކަންބޮޑުވުންތައް މަޖިލީހަށް ހުށަހެޅުމުން އެ އިދާރާއިންވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ނުދޭ ކަމަށެވެ. އަދި މި ސަރުކާރަކީ ފާސިދު ސަރުކާރަކަށް ވެގެންދާއިރު ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި މާތްﷲ އަށް ބިރުވެތިވާ ހާލު ކޮންމެ މެންބަރަކުވެސް މަޖިލީހުގައިވެސް އަޑުއުފުލަންޖެހޭ ކަމަށަ އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވަނީ ﷲ ހަރާމް ކުރައްވާފައިވާ ފާހިޝް އަމަލުތަކަކީ އާންމު ކަމަކަށް ހަދަން މި ސަރުކާރާއި މަޖިލީހުން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބުނާ ބަރަހަނާ ހާލުގައި އޮތް ފޮޓޯއެއް ޓުވިޓާގައި ލީކްވެފައި ވާއިރު ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިއަކު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ކަމަށް ބުނެވެސް އަންނަނީ ވީޑިއޯއެއް ދައުރުވަމުންނެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ތުހުމަތުކޮށް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ.