ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން ހުޅަނގުގެ ބާރުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު، ދަރަންޏާއި އިންޓްރެސްޓް ޕޭމަންޓަށް ވާ ފައިސާ ހަލާސް ކުރާނެ މަގުތައް ބަންދުވެ، އަނެއްކާވެސް ރަޝިއާ ޑިފޯލްޓް ވެއްޖެއެވެ.

ގައުމެއް ޑިފޯލްޓް ވީ ކަމަށް ބަލަނީ ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ، ކަނޑައަޅާފައިވާ ފަހު މުހުލަތުގެ ތެރޭގައިވެސް ދެއްކޭ ގޮތް ނުވާ ހިސާބުންނެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ، ބައިނަލްއަގުވާމީ މާލީ މުއާމަލާތުގެ ނިޒާމުން ރަޝިއާ އެކަހެރި ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، މި ވީހާ ތަނާ ޖެހެންދެކަށްވެސް ރަޝިއާއިން ވަނީ ދަރަނި ހަލާސް ކުރާނެ މަގުތައް ހޯދާފައެވެ.

ނަމަވެސް މެއި 27 ވަނަ ދުވަހަށް އިންޓްރެސްޓް ޕޭމަންޓްގެ ގޮތުގައި ހަލާސް ކުރަން ޖެހިފައި އޮތް 100 މިލިއަނެއްހާ ޑޮލަރު ދެއްކޭނެ މަގު ބަންދުވެ، އާދީއްތަ ދުވަހުގެ ނިޔަލަށް ގްރޭސް ޕީރިއަޑް ހަމަވިއިރުވެސް އެ ފައިސާ ދެއްކިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ދަރަނި ހަލާސް ކުރަން ރަޝިއާއިން އެދޭ ކަމަށާ، ދައްކާނެ ފައިސާވެސް ރަޝިއާގައި އެބަހުރި ކަމަށާ، ނެތީ ފައިސާ ދެއްކޭނެ މަގެއް ކަމަށް ހަބަރު ލިބެއެވެ. ނަމަވެސް މި ދަނޑިވަޅަކީ، އިގުތިސޯދީ އަދި މާލީ ގޮތުންވެސް ރަޝިއާއަށް ގޮންޖެހުން ކުރިމަތިވެފައިވާ ވަގުތެއް ކަން ފާޙަގަ ކުރަން ޖެހެއެވެ. ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިގެންދާ ނިސްބަތް 2 ނަމްބަރުގެ އަދަދުތަކަށް ބަދަލުވެފައި ވާ އިރު، މި ދުވަސްވަރަކީ ފާއިތުވީ އަހަރުތަކުގައި ރަޝިއާގެ އިގުތިސޯދު އެންމެ ބޮޑަށް ހީނަރުވީ ދުވަސްވަރު ކަން ވެސް ފާހަގަ ކުރަން ޖެހެއެވެ.

ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރަޝިއާ އެންމެ ފަހުން ޑީފޯލްޓްވެފައި ވަނީ 1998 ވަނަ އަހަރުއެވެ. އޭރުގެ ރައީސް ބޮރިސް ޔެލްޓްސިންގެ ވެރިކަމުގައި ރަޝިއާގެ ދަރަނި، 40 ބިލިއަން ޑޮލަރަށް އެރި ކަމަށް މައުލޫމާތު ލިބެއެވެ.