ކޮމަންވެލްތުގެ މެންބަރުންގެ ގޮތުގައި އެޖަމާއަތާއި އަލަށް ގުޅުނު ހުޅަނގު އެފްރިކާގެ ދެ ގައުމަށް، މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތުގެ މެމްބަރުކަން ލިބުނު ދެ ގައުމަކީ ގެބޮން އަދި ޓޯގޯ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޝާހިދުގެ މަރުހަބާގެ މެސެޖްގައި، ދެގައުމުގެ ހާރިޖީ ވަޒީރުންނާއި ސަރުކާރާއި އަދި ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެ، ކޮމަންވެލްތު ގައުމުތަކަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމުގައި ގުޅިގެން ކުރާ މަސައްކަތުގައި އެގައުމުތަކާއެކު މަސައްކަތް ކުރެވޭނެ ކަމަށް ޔަގީންކަން ކުރައްވާ ކަމަށެވެ.

އަދި މިއީ އެގައުމުތަކަށާއި، ކޮމަންވެލްތަށްވެސް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ޝާހިދު ސިފަކުރައްވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ގެބޮން އަދި ޓޯގޯ ކޮމަންވެލްތުގެ އާ މެންބަރުންނަށް ވެފައިވަނީ ނިމިދިޔަ ހަފްތާގައި ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވި ކޮމަންވެލްތު ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ކަމަށެވެ.

މިއާއެކު ކޮމަންވެލްތު މެމްބަރު ގައުމުތަކުގެ އަދަދު 56 އަށް އިތުރުވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.