ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ހިންގި ހަމަނުޖެހުމުގައި އަމަލީގޮތުން ބައިވެރިނުވާ ދެ އިލްމުވެރިން ކަމަށްވާ ޝައިޚް ފަޒްލޫން ބިން މުހައްމަދާއި، ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ހައްޔަރުކުރުން ބަލައިނުގަނެވޭ ކަމަށް، އިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.

އެ ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް 19 މީހަކު ހައްޔަރުކޮށްފައިވާއިރު، މިދިޔަ ބުދަ ދުވަހު ޝައިޚް ފަޒްލޫނާއި ޝައިޚް ނިޝާން ހައްޔަރުކޮށް، އެ ދެ ޝައިޚުންނަށް ވަނީ ހަތް ދުވަހުގެ ބަންދެއް ޖަހައިފައެވެ. އެކަމާ ގުޅިގެން ދެ ޝައިޚުން ދޫކޮށްލަން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ގޮވާލާފައިވެއެވެ.

އިއްޔެ ނެރުނު ރިޕޯޓެއްގައި އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ބުނީ، ޔޯގާ ހަރަކާތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓުވުމަށް އެދި ބައެއް އާންމުންނާއި އިލްމުވެރިން ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދުނު ނަމަވެސް، އެ ހަރަކާތް ކުރިއަށް ގެންދަން ސަރުކާރުން ނިންމުމުން، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޒުވާނުންތަކެއް އިންތިޒާމް ކުރި އިހްތިޖާޖުތަކުގައި ބައިވެރިވުމުގެ ވިސްނުމެއް އެ ދެ ޝައިޚުން ހިއްސާކުރެއްވި ކަމަށެވެ.

އިލްމުވެރިންގެ ގުޅުމުން ބުނި ގޮތުގައި:

  • އެކަމާ މެދު އެ ގުޅުމުން އިލްމުވެރިންނާ އެކު މަޝްވަރާ ކޮށްފައިވޭ
  • އެ އިހްތިޖާޖުން ނުކުންނާނެ ނަތީޖާއެއްގެ ސަބަބުން ދީނީ ދައުވަތަށް އެޅޭނެ ހުރަސްތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވޭ
  • ނަމަވެސް އެއީ ސުލްހަވެރި އިހްތިޖާޖެއް ކަމާއި، އެ ހަރަކާތް ގޯސް ނުވާނެ ކަމުގެ ޔަގީންކަން އިންތިޒާމް ކުރާ ފަރާތުން ދިން

އެހެންކަމުން، އެ އިހްތިޖާޖުގައި ބައިވެރިވެ ވަޑައިގަންނަވާ ދެ ޝައިޚުން ވެސް ނިންމެވީ އެ ހަރަކާތް ސުލްހަވެރިކަމާ އެކު ގެންގޮސް، ހަމަނުޖެހުމެއް ނެތި ނިންމާލެވޭނެ ކަމަށާއި، އެފަދަ ކަމެއްގެ ހިލަމެއް ވެއްޖެ ނަމަ، އިހްތިޖާޖު އެއްކޮށް ހުއްޓާލައި، ސުލްހަވެރި އިހްތިޖާޖެއް ކުރަން އެ ހާލަތުގައި ލާޒިމް ކަމަށެވެ.

ނަމަވެސް، އެކަމާ މެދު އެހެން އިލްމުވެރިންނާ މަޝްވަރާ ކޮށްފައި ނުވުމާއި، ޔޯގާ ހަރަކާތާ ދެކޮޅަށް އެކި ކަންކަން ރާވާފައިވާތީވެ، އެ ދެ ޝައިޚުން ފިޔަވައި، ބާކީ ތިބި އިލްމުވެރިން ނިންމެވީ އެ އިހްތިޖާޖުގައި ބައިވެރި ނުވުމަށް ކަމަށް، އެ ރިޕޯޓުގައި ވެއެވެ. އަދި ޔޯގާ ހަރަކާތް ހިންގުމުގެ ނުރައްކާ ތަސައްވަރު ކުރެވޭތީވެ، އެކަން ހުއްޓުވައި ދިނުމަށް ސަރުކާރުގައި އެދުނު ނަމަވެސް، އިޖާބަ ދީފައި ނުވާ ކަމަށް ވެސް ބުންޏެވެ.

ހަމަ އެހެންމެ، އިހްތިޖާޖު ހަމަނުޖެހުމަކަށް ވެގެން ދިޔައިރު، އެތަނުގައި ތިއްބެވި ދެ ޝައިޙުން ގެންދެވީ ބެރިކޭޑުތައް ފަހަނައަޅައި ނުދިއުމަށް އިރުޝާދު ދެއްވަމުން ކަމަށާއި، ރޫޅެމުން ދިޔަ ބެރިކޭޑުތައް ކުރިން ހުރި ގޮތަށް އަތުރަން މަސައްކަތް ކުރަމުން ކަމުގައި ވެސް އިލްމުވެރިންގެ ގުޅުމުން ބުންޏެވެ. އަދި އެކަން ލައިވް ވީޑިއޯއިން ފެންނަން ހުރި ކަން އެ ގުޅުމުން ފާހަގަ ކުރެއެވެ.

އެ ރިޕޯޓުގައި އިލްމުވެރިން ފާހަގަކުރި ބައެއް ކަންކަން:

  • ބޭރުގެ ޑިޕްލޮމަޓުންނަށް ދޭން ޖެހޭ ހިމާޔަތް އެކަށީގެންވާ ގޮތެއްގައި ނުދިނުން
  • އެހެންވެ އިލްމުވެރިންގެ މަސައްކަތް ނާކާމިޔާބުވާން ދިމާވި ކަމަށް ގަބޫލު ކުރެވޭ
  • ގާނޫނީ ފިޔަވަޅުތައް ނޭޅި އާންމުންގެ އަތަށް ކަންކަން ދިއުމުން މުޖުތަމައުގެ ހަމަޖެހުން ނަގާލާ މީހުންނަށް ލިބެނީ އެކަން ކުރުމަށް އިތުރު ފުރުސަތެއް
  • ދީނީ އިލްމުވެރިންގެ މަސައްކަތް ކާމިޔާބު ނުވެ، ދީނީ ދައުވަތު ދިނުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިގެން ދިއުމާ މެދު ކަންބޮޑުވޭ
  • ހަމަނުޖެހުންތަކުގައި ބައިވެރިނުވާ އިލްމުވެރިން ހައްޔަރުކުރުން ބަލައި ނުގަނެވޭ
  • ބޮޑެތި ކުށްވެރިންނާ މެދު އަމަލުކުރާ ގޮތަށް ކުރުމާއި، ދަރިފުޅާ އެކު ހުރި ވަގުތު، ދީނީ ވާޖިބަށް ހުރަސް އަޅައި ދަރިފުޅަށް ނަފްސާނީ ގެއްލުންވާ ގޮތަށް އަމަލު ކުރުމަކީ އިހާނެތި، އުސޫލުތަކާ ހިލާފު އަމަލެއް

އޭގެ އިތުރުން، އެކަން ކުރަން ގޮވާލި މީހުންނަށް ފަސް ދުވަހުގެ ބަންދެއް ދީ، އެ މީހުންގެ ފަހަތުން ދިޔަ މީހުންނަށާއި، އަމަލީ ގޮތުން ބައިވެރިނުވެ، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތް ދެއްވި ދެ ޝައިޚުންނަށް އެއަށް ވުރެ ދިގު މުއްދަތެއް ދިނުމަކީ، އިންސާފުގެ ހަމަތަކުން ބަލާއިރު އަޑި ނޭގޭ ކަންކަން ހުރި ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމެއް ކަމުގައި ވެސް އިލްމުވެރިންގެ ގުޅުމުން ފާހަގަ ކުރިއެވެ.

ހަމަ އެއާއެކު ޝައިޚް ނިޝާން ހައްޔަރު ކުރިއިރު، އެތަނުގައި އަދި ޝައިޚް ނިޝާންގެ ދަރިފުޅު ހުރިއިރު، އެކަމުގެ ސަބަބުން އެ ތުއްތު ދަރިފުޅަށް ނަފްސާނީ ގޮތުން އަސަރު ކުރި ކަމަށް ވީޑިއޯތަކުން ފެންނަ އިރު، ތުއްތު ކުދިންގެ ރައްކާތެރިކަމާ މެދު ވެސް ސުވާލު އުފެދިގެން ދިޔަ ކަން ފާހަގަ ކުރިއެވެ.

އިލްމުވެރިންގެ ގުޅުމުން ބުނީ، މިފަދަ އަމަލުތައް އިސްލާމީ މުޖުތަމެއްގައި ހިނގައިގެން ނުވާނެ ކަމަށެވެ. އަދި އެ ކަންކަން ހިނގައި ދިޔައީ ކޮން ބައެއްގެ އިހުމާލުންތޯ ބަލައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލައިފައެވެ.

"އަދި އެފަދަ ކަންކަމަކީ ކޮން ބައެއްގެ އިހުމާލު ހިނގާފައިވާ ކަންކަން ތޯ ބަލައި އޭގެ ހަގީގަތް ހޯދުމަށް ފަހު، އެކަން ހިނގަން މެދުވެރިވި މައިގަނޑު އަސާސީ ސަބަބު ކަމުގައިވާ ދީނީ އިލްމުުވެރިންގެ ދެއްވާ ލަފާއާއި ފާޅުކުރައްވާ ކަންބޮޑުވުންތަކަށް ސިޔާސީ ގޮތުން ކަންކަން ނިންމަވަން ތިއްބަވާ ފަރާތްތަކުން ފަރުވާކުޑަ ކުރައްވާ ކުރެއްވުން މުރާޖައާ ކުރެއްވުމަށް އަޅުގަނޑުމެން ގޮވާލަން."

އަދި ދީނާ ހިލާފު އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރައްވާ އިލްމުވެރިންގެ ދިފާއުގައި މަސައްކަތް ކުރަން ޖެހޭ ހާލަތުގައި އެކަން ކުރަމުން ދާނެ ކަމަށާއި، އަދި އެފަދަ އިލްމުވެރިންނާ އެކު ދެމި ތިބޭނެ ކަމުގެ ޔަގީން ކަން ވެސް އިލްމުވެރިންގެ ގުޅުމުން ވަނީ ދީފައެވެ.

އިލްމުވެރިންގެ ގުޅުމުން ހުށަހެޅި ކަންތައްތައް:

  • އިހްތިޖާޖުތައް ރާވައި ބާއްވާ ފަރާތްތަކުން ރައްކާތެރިކަމާއި ކޮންޓްރޯލް ކަށަވަރު ކުރުމަށް ފަހު ބޭއްވުން
  • އިހްތިޖާޖުތަކުގައި ގޯސްކޮށް ކަމެއް ހިނގައިފި ނަމަ، ހުއްޓުވޭނެ ނިޒާމެއް ހަމަޖައްސާފައި ބޭއްވުން
  • އިލްމުވެރިންނާ މަޝްވަރާ ކުރުމަށް ފަހު ނޫނީ ދީނީ ކަންކަމާ ގުޅުންހުރި އިހްތިޖާޖު ނުކުރުން
  • ދީނީ އިލްމުވެރިއެއް ހައްޔަރުކޮށް ބަންދު ކުރަން ޖެހޭ ހާލަތުގައި އަމިއްލައަށް ހާޒިރުވާން ފުރަތަމަ ފުރުސަތު ދީ، އާއިލާ އަށް ބިރުވެރިކަން ކުރިމަތި ނުވާނެ ގޮތަކަށް އަމަލު ކުރުން
  • އާންމުން ހައްޔަރުކުރާއިރު ހާލަތާ ނުބައްދަލު ބާރު ބޭނުން ނުކުރުން
  • އެއްވެސް ބަޔަކަށް ކަމާ ނުގުޅޭ ތުހުމަތު ނުކުރުން
  • އެއްވެސް ބަޔަކާ މެދު ނުހައްގު ތަފާތުކުރުން ނުގެންގުޅުން
  • ދެފުށް ފެންނަ ގޮތަށް އާންމުންނަށް ސިއްރު ނުވާނެހެން ކަންކަން ކުރިއަށް ގެންދިއުން
  • ޝައިޚް ނިޝާންގެ ދަރިފުޅާ މެދު ކަން ހިނގި ގޮތް ބަލައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުން
  • ސަލާމަތީ ހިދުމަތްތައް ދޭ މުއައްސަސާތައް ކަންކަން އިސްލާހު ކުރުން

އަންގާރަ ދުވަހު ހިންގި ހަމަނުޖެހުމަށް ފަހު، ބުދަ ދުވަހު ހައްޔަރުކުރި ޝައިޚް ފަޒްލޫނާއި ޝައިޚް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ނަގައިފައެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫނަށް ދީފައިވާ ހުއްދަ ނަގާފައި ވަނީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިޚުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަމުން ދާތީ ކަމަށެވެ.

ޝައިޙުންގެ އިތުރުން، އެ ދުވަހު ދެން ހައްޔަރުކުރީ ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން (ޓަކީ) އާއި، ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމް ހަރަކާތް ކޮމިޓީގެ މުގައްރިރު މުހައްމަދު އިސްމާއީލެވެ. އެ މީހުންނަށް ޖަހާފައި ވަނީ ފަސް ދުވަހުގެ ބަންދުގެ މުއްދަތެކެވެ.