ގަދަކަމުން ގެންގޮސް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު ކާނިވާ ސަރަހައްދުގައި ކެފޭއެއްގައި އިންދައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރުމުގެ އަމުރު ފުލުހުން ވަނީ އިއްޔެގެ ވަގުތެއްގައި ހޯދާފައެވެ.
އިސޫ އަކީ ސީރިޔާގެ ހަނގުރާމައަށް ދާން އުޅެނިކޮށް ތުރުކީ ބޯޑަރު ކައިރިން 2015 ވަނަ އަހަރު ވެސް ހައްޔަރު ކުރި މީހަކެވެ.
ނޫސްވެރިޔާ ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް މަރާލާފައި ވަނީ އޮގަސްޓް، 8 2014 ގައެވެ.
ރިޟްވާން ގެއްލުނުތާ ފަސް އަހަރުފަހުން، އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާލާފައިވާ ކަމަށެވެ.
ރިޟްވާންގެ މައްސަލާގައި އޭނާ ގެއްލުވައިލުމާ ގުޅޭ އިތުރު މައުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކޮމިޝަނަށް ގަބޫލު ކުރެވޭ ކަމަށް ކުރިން އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ މައުލޫމާތު އެ ކޮމިޝަނާ ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް އޮތްކަމަށް ވެސް ވަނީ ބުނެފައެވެ. އަދި، އެފަދަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެކޮމިޝަނުން ވަނީ ދީފައެވެ.
މީގެ ކުރިން "ދަ ޕްރެސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ރިޟްވާންގެ ދައްތަ ބުނެފައި ވަނީ، މަރު ކޮމިޝަނަށް އަދި އިތުބާރު ކުރެވޭ ކަމަށާއި އަދި ތަހުގީގު ކުރިއަށް ދާ ގޮތުން އިތުބާރު ނަގާ ނުލައި ކަމަށެވެ. ބޮޑުކަމެއް ލަސްވާނެ ކަން ގަބޫލު ކުރާކަން ފާހަގަކޮށް ދައްތަ ބުނެފައި ވަނީ މިހާ ގިނަ ދުވަސް ވެފައިވާ މައްސަލައަކަށް ވާތީ ހެކި ހޯދުމަށް އެކޮމިޝަނަށް ވެސް ދަތިތައް ހުންނާނެ ކަން ގަބޫލު ކުރާ ކަމަށެވެ.
ކޮމިޝަނަށް އިތުބާރު އޮތް ނަމަވެސް ފުލުހުންނަށް އެއްވެސް ވަރަކަށް އިތުބާރެއް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން ރިޟްވާންގެ މައްސަލާގައި ޝާމިލްވި ދެ ފުލުހުންނާ މެދު އަދިވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.