ޔޯގާ އަކީ ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށާއި، އެފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ، ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާ ކަން ހާމަވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން އެގޮތަށް ބުނެ، ޔޯގާ ހަރަކާާތް ހުއްޓުވުމަށް އެދި ފުލުހުންގެ ކިބައިން އެދިފައިވަނީ ކޮމިޝަނަރު މުހައްމަދު ހަމީދަށް މި މަހުގެ 15 ވަނަ ދުވަހު ފޮނުވި ސިޓީއެއްގައެވެ. އެއީ ޔޯގާ ހަރަކާތް ބޭއްވުމުގެ ހަ ދުވަސް ކުރިންނެވެ.

އެ ސިޓީގައި އިސްލާމިކް މިނިސްޓްރީން ބުނީ، ގާނޫނުއަސާސީގައިވާ ގޮތުން، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ވީހިނދު، ދިވެހިންގެ މެދުގައި އޮންނަ ދީނީ އެއްބައިވަންތަކަން ދަމަހައްޓައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އަމަން އަމާންކަމާއި ސުލްހަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

ހަމަ އެއާއެކު، އެ ސިޓީގައި އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި:

  • 2004 ވަނަ އަހަރު މިސްރުގެ ފަތުވާ މަޖިލިހުން ވަނީ ޔޯގާ ހަރާމް ކަމަށް ފަތުވާ އެއް ނެރެފަ
  • އެއީ ހިންދޫ ދީނާ ގުޅިފައިވާ ކަމަކަށް ވާތީ ކަމަށް އެ ފަތުވާގައި ބުނެފައިވޭ
  • އެހެންކަމުން ކުޅިވަރެއް އަދި އަޅުކަމެއްގެ ގޮތުގައި ވެސް ޔޯގާ ހަރާމް
  • 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލީހުން ވެސް ވަނީ ޔޯގާ ހަރާމް ކަމަށް ފަތުވާ އެއް ނެރެފަ

އެހެންކަމުން، ޔޯގާ އަކީ އަޅުކަމެއްގެ ގޮތުގައި ހިމެނޭ ކަމެއް ކަމަށާއި، އަދި އެއީ ހިންދޫންގެ ދީނީ ސަގާފަތާ ގުޅޭގޮތުން ނަންދީ، އިރަށް އަޅުކަން ކޮށް، މިއުޒިކް ވެސް ހިމެނޭ ހަރަކާތެއް ކަމަށް ވެފައި، އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށް ވާތީވެ، ޔޯގާގެ ހަރަކާތް ހިންގާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.

ނަމަވެސް، އިންޑިއާގެ ހައި ކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރާ ގުޅިގެން ގަލޮޅު ދަނޑުގައި މިދިޔަ އަންގާރަ ދުވަހު ވަނީ ޔޯގާގެ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތް ކުރިއަށް ދިޔަ ވަގުތު ބަޔަކު އަރައިގަނެ ހަމަނުޖެހުން ހިންގާފައިވާއިރު، އެ މައްސަލައިގައި 19 މީހަކު ހައްޔަރުކޮށްފައިވެއެވެ.