ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިިފިއެވެ.

ފުލުހުން އެ މައްސަލަ ބަލަމުންދާކަން ހާމަކޮށްފައި ވާއިރު ބަންގްލަދޭޝް މީހަކާ އެކު ނާޒިމް އެއް ޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ކަމަށް ބުނެ ދައުރުވަމުން ދިޔަ ވީޑިއޯ އަންނަނީ ވައިރަލް ވަމުންނެވެ. އަދި އެކަމާ ގުޅިގެން ރޭ ނާޒިމް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވާއިރު އޭނާގެ ޕާސްޕޯޓު މިއަދު ވަނީ ހިފަހައްޓާފައެވެ.

ނާޒިމް ރަސޫލާއަށް ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ބަޔަކު ފުލުހަށް ހުށައަޅާފައި ވާއިރު އެއީ ސީދާ ކޮން މައްސަލައެއް ކަމެއް ނޭނގުނު ނަމަވެސް ނާޒިމްގެ ޓްވިޓާ އެކައުންޓުން 2012 ވަނަ އަހަރު ވަނީ، ސުންނަތުގައި އޮންނަނީ އިޝާ ނަމާދުކޮށްގެން ލަސްނުކޮށް ނުވަ އަނބިންނާއެކު ވަހުޝީވާން ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ނާޒިމް ވަނީ އޭނާ ދުވަހަކުވެސް ރަސޫލާއަށް ފުރައްސާރަކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދައުރު ކުރާ ޓްވީޓަކީ ހަދާފައިވާ އެއްޗެއް ކަމަށް އޭނާ ވިދާޅުވެއެވެ.

"ދުވަހަކުވެސް ރަސޫލާއަށް ފުރައްސާރަ ކޮށްފައި ނުވާނެ، މުޅި އުމުރުގައިވެސް، އަހަރެން ދަންނަ މީހުންނަށްވެސް އެނގޭނެ އަހަރެން އެފަދަ ކަމެއް ނުކުރާނެ ކަން"
ނާޒިމް ސައްތާރު

ލީކުވި ވީޑިއޯއާ ގުޅިގެންވެސް ނާޒިމް ވަނީ އެ ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެހެންނަމަވެސް ވީޑިއޯ ބެލި ގިނަ ބަޔަކު ދަނީ އެ ވީޑިއޯއިން ފެންނަނީ ނާޒިމްކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ޔަގީންވާ ކަމަށް ބުނަމުންނެވެ.

ޓްވީޓާގައި ގިނަ ވާހަކަތަކެއް ހިއްސާކުރާ ނާޒިމް ވަނީ އެ ވީޑިއޯ ލީކުވެފައި ވަނިކޮށް އޭނާގެ ޓްވީޓާ އެކައުންޓު ޑީއެކްޓިވޭޓް ކޮށްލައްވާފައެވެ.