ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް ސޯލިހުގެ އަރިހަށް ޖަޔަޝަންކަރު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރުވާންޑާގެ ކިގާލީ މެރިއޮޓް ހޮޓެލްގައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު އާއި ޖަޔަޝަންކަރު ވަނީ ރާއްޖެއާއި އިންޑިއާގެ ދޭދޭ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ މިގޮތުން ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ދެ ޤައުމުން ވެސް ޝައުގުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސް ވަނީ ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ ތާރީހާއި ސަގާފަތާއި ދެ ގައުމުގެ ވެސް ގަބޫލުކުރުންތަކުގެ މައްޗަށް ކަމަށާއި ބޭރު ގައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަކީ މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްކަމުގައި ހާމަކުރައްވާފައެވެ.

ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވާ ދެ ގައުމުގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ވަނީ ހާމަކުރައްވާފައެވެ.

ރުވާންޑާގެ ކިގާލީގައި މި ޖޫން މަހުގެ 20 ވަނަ ދުވަހުން 25 ވަނަ ދުވަހަށް ކުރިއަށްދާ ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ފުރައިވަޑައިގަތީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.