ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ކަމަށް ބުނާ މީހަކު އެއްޖިއްސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވަނިކޮށް އޭނާ ފުލުހަށް ހާޒިރުކޮށްފިއެވެ.
ބަންގްލަދޭޝް މީހަކާއެކު އޭނާ އެއް ޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ބުނެ ދައުރުވަމުން ދިޔަ ވީޑިއޯ ވައިރަލް ވުމުން ނާޒިމް ފުލުހަށް ހާޒިރުކޮށް ސުވާލު ކުރީ އެއް ޖިއްސުން ގުޅުން ހިންގުމާ ގުޅިގެން ކަމެއް ނުވަތަ ބްލެކްމެއިލް ކުރި މައްސަލައަކާ ގުޅިގެން ކަމެއް ޔަގީނެއް ނުވެއެވެ. ފުލުހަށް ނާޒިމް ހާޒިރު ކުރި އިރު ފުލުހުން ދަނީ، ވައިރަލްވި ވީޑިއޯ މައްސަލައިގައި ބްލެކްމެއިލް ކުރާ ކަމަށް ބުނާ މައްސަލައެއް ބަލަމުންނެވެ.
ނާޒިމް ވަނީ އެ ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ވީޑިއޯ ބެލި ގިނަ ބަޔަކު ދަނީ އެ ވީޑިއޯއިން ފެންނަނީ ނާޒިމްކަން، އެއްވެސް ޝައްކެތް ނެތް މިންވަރަށް ޔަގީންވާ ކަމަށް ބުނަމުންނެވެ.
މި ކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެމައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައި ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ ދެ މީހުންގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި ތަހުގީގުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އެ މައްސަލަ ތަހުގީގުކުރަން ގޮވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އޭނާ ހައްޔަރުކުރުމަށް ގޮވާލަމުންނެވެ. އަދި ނާޒިމަކީ ގާނޫނީ ވަކީލަކަށް ވުމުން އޭނާގެ މައްސަލަ ބާކައުންސިލުން ބެލުމަށް ވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
މި މައްސަލައިގައި ނާޒިމް "ދަ ޕްރެސް" އަށް ވިދާޅުވީ، ފަތުރަމުން ދަނީ ސީދާ ދޮގެއް ކަމަށެވެ.