ހައި ސްޕީޑް ފެރީ އެއްވިއުގައަކުން ގުޅާލުމަށް ސަރުކާރުން ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅުގެ ރަށްތަކަށް ހިދުމަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، އަތޮޅު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީގެ ހިދުމަތް ހއ. އަތޮޅަށް ފެށުމައްޓަކައި މިއަދު މާލެއިން 5 ފެރީ އެ އަތޮޅަށް ދިއުމަށް ފުރާފައިވާ ކަމަށެވެ. އެ ފެރީތައް ހއ. އަތޮޅަށް މާދަމާގެ ވަގުތެއްގައި ގޮސް ބަނދަރު ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެ ހިދުމަތް ފަށާނީ އަންނަ އާދީއްތަ ދުވަހު ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބެއް ގެނުވާނެ މި ފެރީ ނިޒާމުގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ކަނޑައަޅާފައިވާ އަގުތަކުގައި ޓިކެޓް ނަގައިގެންނެވެ. ނަމަވެސް ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، އެންސްޕާގައި ރަޖިސްޓާވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ފެރީގައި ދަތުރު ކުރާ ކަސްޓަމަރުން ޓިކެޓް ނަގަން ބޭނުން ކުރާނީ އެމްޓީސީސީން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕެވެ. އެ ގޮތުން އާރްޓީއެލް ޓްރެވަލް އެޕް ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި ފެރީ ހިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ. ހދ. ށ) ގެ އަތޮޅުތަކުގެ ތެރެއިން ހދ. އަތޮޅުގެ ރަށްތަކަށް މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އާރްޓީއެލްގެ ހިދުމަތަށް ރައްޔިތުން އަހުލުވެރި ކުރުވުމަށްޓަކައި އެ ކުންފުނިން ހިދުމަތް ދެމުން އައިސްފައި ވަނީ މުޅިން ހިލެއެވެ. މީގެ މަގްސަދަކީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް މި ހިދުމަތް ބޭނުންކޮށް ތަޖުރިބާ ކުރުމަށް ފުރުސަތު ދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ފެރީގެ ހިދުމަތް ހއ. އަތޮޅުގެ ރަށްތަކަށް އަންނަ އާދިއްތަ ދުވަހުފަށަން ހަމަޖެހިފައިވާއިރު، މިކަމާގުޅޭ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް މި މަހުގެ 6 އިން 9 ގެ ނިޔަލަށް ވަނީ އެ އަތޮޅުގައި ހިންގާފައެވެ.
އާރްޓީއެލް ހިދުމަތުގައި ބޭނުން ކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ ހިތްގައިމު ފެރީތަކަކަށް އާރްޓީއެލްގެ ފެރީތައް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރުކުރެވޭގޮތަށް ފަރުމާކޮށް އެއަކޯން ކޮށްފައެވެ. އަދި ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާ ކޮށްފައި ހުންނާނީ އެފަދަ ދަތުރުތައް ކުރުމަށް ފަސިންޖަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް ކަމަށް އެމްޓީސީސީން ބުނެއެވެ.
ފެރީގައި ފާހާނަ ކުރެވެން ހުންނަ އިރު، ލަގެޖް ބެހެއްޓުމަށް ވެސް ޖާގަ ހާއްސަ ކޮށްފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އާރްޓީއެލްގެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.