ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި އަންގާރަ ދުވަހު ބޭއްވި ހަރަކާތުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު 3 މީހަކު ހައްޔަރުކޮށް އެ މައްސަލއިގައި ހައްޔަރު ކުރި މީހުންގެ އަދަދު 15 އަށް އަރައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭގެ ވަގުތެއްގައި އެ މައްސަލައާ ގުޅިގެން ދެމީހަކު އަދި މިއަދު އިތުރު އެކަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިއާ އެކު މި މައްސަލއިގައި ހައްޔަރު ކުރި މީހުންގެ ޖުމްލަ އަދަދު މި ވަނީ 15 އަށް އަރާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް ފަހުން ހައްޔަރު ކުރި ތޮން މީހުންގެ ވަނަވަރު އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ޔޯގާ ދުވަހު ހިންގި ހަރަކާތަށް ހުރަސް އަޅައި، އެ ހަރަކާތުގައި ބައިވެރިވި މީހުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ބައެއް މީހުންނަށް ހަމަލަދީ ތަކެއްޗަށް ގެއްލުން ދިން މައްސަލައާ ގުޅިގެން ކުރިން ހައްޔަރު ކުރި 12 މީޙުންގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ. އެ މީހުންނަކީ:

  • ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ މުގައްރިރު މުހައްމަދު އިސްމާއީލް
  • ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން (ޓަކީ)
  • ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް
  • ޝައިޚް ފަޒްލޫން ބިން މުހައްމަދު
  • ގއ. މާމެންދޫ، އަސްރަފީވިލާ، އަހްމަދު ނަސޫހް (26އ)
  • ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާއު (31އ)
  • ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ)،
  • ކ. މާލެ، މއ. ކަނުހުރާ، މުހައްމަދު ޛިލްޔަން (37އ)،
  • ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ)
  • ތ. މަޑިފުށި، ހެޕީސައިޑް، މުހައްމަދު މައުސޫމް (40އ)،
  • ހއ. ތުރާކުނު، ގްރީންހައުސް، މުހައްމަދު ހުސައިން (47އ)
  • ގދ. ރަތަފަންދޫ، ލިލީޕާކް، އަމީން އަހްމަދު (35އ)

އެ މައްސަލައިގައި ހައްޔަރުކުރި ހަ މީހުންނަށް ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އެތަނުން ނަސޫހާއި ރިފާއަށް ދެ މަހުގެ ބަންދެއް ވަނީ ޖަހައިފައެވެ. އަދި ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫނަށް ހަތް ދުވަހުގެ ބަންދެއް ޖަހާފައިވާއިރު، މުހައްމަދު އިސްމާއީލާއި ޓަކީ އަށް ޖަހާފައި ވަނީ ފަސް ދުވަހުގެ ބަންދެކެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ރޭ ޝައިޚް ނިޝާން ހައްޔަރުކޮށްފައި ވަނީ ދަރިފުޅު ގޮވައިގެން ނަމާދަށް ދިޔަ ވަގުތުގައި ފުލުހުންގެ އެސްއޯއިން ޝައިޚް ނިޝާން ވަށާލުމަށް ފަހު، ނަމާދު ކުރުމަށް ފުރުސަތު ނުދީއެވެ. ޝައިޚް ނިޝާން ހައްޔަރުކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، އާންމުންގެ ގިނަ ބަޔަކު ފުލުހުންނަށް ފާޑު ކިޔާފައިވެސް ވެއެވެ.

ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫން ދީނީ ދަރުސް ދިނުމުގެ ހުއްދަ، އިސްލާމިކް މިނިސްޓްރީން ވަނީ ނަގައިފައެވެ. ސަބަބެއްގެ ގޮތުގައި އެ މިނިސްޓްރީން ބުނީ އެ ގޮތަށް ނިންމާފައި ވަނީ ގަލޮޅު ދަނޑުގައި އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގައި، އެއްވުމަށް ހިތްވަރު ދީފައިވާތީދެ ފަރާތުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާކަން ފުލުހުން އަންގާފައިވާތީ ކަމަށެވެ. އެކަން ތަހްގީގުކޮށް، އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާއިރު، އެ މައްސަލަ ބެލުމަށްޓަކައި ސަރުކާރުން ވަނީ ހަތް ވަޒީރުން ހިމެނޭ ސަބް ކޮމިޓީއެއް ވެސް އެކުލަވާލައިފައެވެ.

ފުލުހުން ދަނީ އެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންނެވެ.

ޔޯގާ ދުވަހާ ގުޅިގެން ކޮންމެ އަހަރަކު ވެސް ސަރުކާރުން ހަރަކާތްތައް ކުރިއަށް ގެންދެއެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ޔޯގާ ދުވަސް ފާހަގަ ކުރަން ފަށާފައިވަނީ މީގެ އަށް އަހަރު ކުރިން، ޖޫން 21 ގައެވެ.