ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމް ނުވަތަ ސޯލާ ސިސްޓަމްގައި ހިމެނޭ 5 ޕްލެނެޓެއް އެއް ސަފަކަށް އެތުރި، ވިދާ، ބަބުޅަމުންދާ ހިތްގައިމު މަންޒަރު، މިއަދުން ފަށައިގެން ފެންނާނެ ކަމަށް ސައެންސްގެ ހަބަރުތައް ބުނެފިއެވެ.

އުޑުމަތި ސާފު ނަމަ، ފަތިހަށް އަލިވިލިގެން އަންނަ ވަގުތު، މާކަރީ، ވީނަސް، މާސް، ޖުޕިޓާ އަދި ސެޓާން ސަފަކަށް އެތުރި، ބަބުޅަމުންދާ މަންޒަރު، އިންސާނުންގެ ހަމަ ލޮލަށް ފެންނާނެއެވެ.

މިއީ އިރުގެ ގަދަ އައްޔާއެކު އާންމުކޮށް ނުފެންނަ މާކަރީ ޕްލެނެޓް، ހަމަ ލޮލުން ބަލާލަން ލިބޭ ފުރުސަތަކަށްވެސް ވާނެއެވެ.

ވަރަށް މަދުން ނޫނީ ނުފެންނަ މި ހިތްގައިމު މަންޒަރު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް، ހޯމަ ދުވަހުގެ ނިޔަލަށް ފެންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މުތުގެ ހާރެއް ފަދައިން ގުރަހަތަށް ފައްޗަކަށް އެތުރިފައި ވާތީ ފެންނަ އިރު، އެ ޕްލެނެޓްތައް ހުންނާނީ ސޯލާ ސިސްޓަމްގައި، އިރުން ފެށިގެން ދުރަށް އެ ޕްލެނެޓްތައް އެތުރިފައި ހުންނަ ތަރުތީބުންކަންވެސް ފާހަގަ ކުރަންޖެހެއެވެ.

އެންމެ ފަހުން މިފަދަ ކަމެއް ހިނގާފައި ވަނީ 2004 ވަނަ އަހަރު ކަމަށް ވާ އިރު، ދެން މިފަދަ ކަމެއް ހިނގާނެ ކަމަށް ބެލެވެނީ 2040 ވަނަ އަހަރުއެވެ.

ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޕްރޮފެސާ ލޫސީ ގްރީން ވަނީ ގުރަހަތަކުގެ ހިތްގައިމު އެތުރުން ބަލާލުމަށް، ދުރުމި ފަދަ އާލާތްތައް ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އެއީ އެ މަންޒަރު އެންމެ ފުރިހަމަ ވަނީ އިރު އަރަން ގާތްވެފައި ވާ ވަގުތުގައި ކަމަށް ވެފައި، އޮޅިގެން ނަމަވެސް އިރަށް ބަލާލެވިގެން ލޮލަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށްޓަކައެވެ.