ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ، އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯގައި ފެންނަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ނޫން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝް މީހަކާއެކު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ބުނެ ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށާއި އެކަމާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެއެވެ. އެހެންނަމަވެސް ވީޑިއޯ ބެލި ގިނަ ބަޔަކު ދަނީ އެ ވީޑިއޯއިން ފެންނަނީ ނާޒިމްކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ޔަގީންވާ ކަމަށް ބުނަމުންނެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އެ މައްސަލަ ތަހުގީގުކުރަން ގޮވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އޭނާ ހައްޔަރުކުރުމަށް ގޮވާލަމުންނެވެ. އަދި ނާޒިމަކީ ގާނޫނީ ވަކީލަކަށް ވުމުން އޭނާގެ މައްސަލަ ބާކައުންސިލުން ބެލުމަށް ވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

މި މައްސަލަ މިއަދު ފެންމަތިވުމާއެކު ފުލުހުން ބުނީ، ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެމައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެ ވީޑިއޯގައި ހިމެނޭ މީހުންނާ ގުޅޭ މައްސަލަ މިއަދު ވަނީ ތަހުގީގުކުރަން ފަށާފައި ކަމަށާއި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާ ކަމަށް ވެސް ބުނެއެވެ.

މި މައްސަލައިގައި ނާޒިމް "ދަ ޕްރެސް" އަށް ވިދާޅުވީ، ފަތުރުން ދަނީ ސީދާ ދޮގެއް ކަމަށެވެ.