ފުރަތަމަ ތިން މަހު 300 ޖީބީގެ ހިލޭ ޑޭޓާ ލިބޭ ގޮތަށް، ގއ. ދާންދު އަށް އުރީދޫން ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފް ކޮށްފިއެވެ.

އުރީދޫން ބުނީ، 100 އެމްބީޕީއެސް އާ ހަމައަށް ހަލުވި ސްޕީޑްގައި ދާންދުއަށް ސުޕަނެޓުގެ ހިދުމަތް މިއަދު ތައާރަފް ކޮށްފައިވާ ކަމަށެވެ. އެގޮތުން ސުޕަނެޓުގެ ހިދުމަތް އަލަށް ހޯދާ ކަސްޓަމަރުންނަށް ތިން މަހަށް 300 ޖީބީގެ ހިލޭ ޑޭޓާ ލިބޭނެ ކަމަށް، އުރީދޫން ބުންޏެވެ.

އޭގެ އިތުރުން، ސުޕަނެޓް ކަނެކްޝަނެއް ހޯދައިގެން 50 އިންޗީގެ ޓީވީއެއް ހޯދުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް، އުރީދޫން ބުންޏެވެ.

އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ދާންދޫގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދެވުމަކީ އުރީދުއަށް ލިބޭ އުފަލެއް ކަމަށާއި، ސުޕަނެޓުގެ ހިދުމަތް އެ ރަށަށް ތައާރަފް ކުރެވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކައްވެސް ފެންވަރު ރަނގަޅު ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުން." ނިޔާޒް ވިދާޅުވިއެވެ.

ސަރުކާރުން ބްރޯޑްބޭންޑް އިންޓަނެޓުގެ އަގުތައް ހެޔޮ ކުރުމާ ގުޅިގެން، އުރީދޫން ފޯރުކޮށްދޭ ސުޕަނެޓުގެ ޕެކޭޖުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން:

  • ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭ
  • ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ލިބޭ
  • ޑޭޓާ ދެން އޮންނަ މަހަށް ރޯލް އޯވާ ވޭ

އެހެންކަމުން، ދާންދޫގެ ރައްޔިތުންނަށް ހެޔޮ އަގުގައި ސުޕަނެޓުގެ ހިދުމަތް ލިބިގެން ދާނެ ކަމަށް އުރީދޫން ބުންޏެވެ. އުރީދޫ ސުޕާނެޓާ ބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެއެވެ.