އިއްޔެ ހެނދުނު އިންޑިއާ ހައިކޮމިޝަނާއި ޔޫތް މިނިސްޓްރީން ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ތިއްބާ، ދިވެހި ޒުވާނުންގެ ބަޔަކު ދަނޑަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު 4 މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން 6 މީހަކު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ ކ. ތުލުސްދޫ، ވީނަސް، މުހައްމަދު ނަދީމް (43އ)، ކ. މާލެ، މއ. ކަނުހުރާ، މުހައްމަދު ޛިލްޔަން (37އ)، ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ)ގެ އިތުރުން ތ. މަޑިފުށި، ހެޕީސައިޑް، މުހައްމަދު މައުސޫމް (40އ)، ހއ. ތުރާކުނު، ގްރީންހައުސް، މުހައްމަދު ހުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާކް، އަމީން އަހްމަދު (35އ) އެވެ.

އެ މީހުންނަށް ބަންދުގެ މުއްދަތު މިއަދު ޖަހާފައިވާއިރު 60 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވަނީ މުހައްމަދު ނަދީމާއި މުހައްމަދު މައުސޫމާއި މުހައްމަދު ހުސައިންގެ އިތުރުން އަމީން އަހުމަދެވެ. ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުހައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސްގެ މައްޗަށެވެ.

މި މައްސަލައާއި ގުޅިގެން މިއަދު ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި އެ ޕާޓީގެ މެންބަރު އިބްރާހިމް ރައްޒާން ހިމެނޭ ކަމަށް ޕްރޮގްރެސިވް ކޮންކްރެސް ކޯލިޝަނުގެ ސްޕޯކްޕާސަން ހީނާ ވަލީދު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އަދި މީގެ އިތުރުން ޝައިހު ފަޒްލޫން ބިން މުހައްމަދު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ވަނީ އެ ހަމަނުޖެހުމުގައި ބޭނުންކޮށްފައިވާ ދިދަ ނެރެފައިވަނީ ޕީޕީއެމް އޮފީހުން ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން ވަނީ މި ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ވެސް ގާއިމް ކޮށްފައެވެ. މިފަދަ މައުލޫމާތުތައް މި ޕޯޓަލްއަށް ޒިޔާރަތްކޮށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ފުލުހުން ބުނީ މި ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.