ދީނީ އިލްމުވެރިޔާ ޝައިހް އަހްމަދު ސަމީރަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ޝައިހް ސަމީރު ދަންޖައްސަން ޖެހޭ ކަމަށް ބުނެ މީހަކު އިންޒާރު ދީފައިވާއިރު، "މަސްތާނީ މަސްތާނީ" ނަމަކަށް ކިޔާ މީހަކު ވަނީ ޝައިހް ސަމީރު އަވަހާރަކޮށްލަން ޖެހޭ ކަމަށް ބުނެ، އިންޒާރު ދީފައެވެ.

އޭގެ އިތުރުން، ޝައިހް ސަމީރަކީ މުސީބާތެއް ކަމަށް ބުނެ، މީސްމީޑިއާގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ ނައީމް ވަނީ އިންޒާރު ދީފައެވެ.

ފުލުހުން ބުނީ، ޝައިހް ސަމީރަށް މަރުގެ އިންޒާރު ދިން މައްސަލަ ހުށަހަޅާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެރޭ ދަންވަރު 12:39 ހާއިރު ކަމަށާއި، އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ ކަމަށެވެ.

މިފަދަ އިންޒާރުތަކެއް ޝައިހް ސަމީރަށް ދީފައިވަނީ ޔޯގާގައި ބައިވެރިވުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ޝައިހް ވިދާޅުވެ، ދައްކަވާފައިވާ ވާހަކައެއްގެ ސްކްރީންޝޮޓްތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.