ހިތާނީ ސީޒަން ފެށެން ގާތްވެފައި ވާއިރު، ހިތާނު ކުރާ ކުދިން ބޮޑެތި ހޯލްތަކުގައި ނުބައިތިއްބާ އަމިއްލަ ގޭގައި ބޭތިއްބުމަށާއި ހިތާނުކޮށްފައި ތިބޭ ގިނަ ކުދިން ބައިތިއްބަންޏާ އެއްއާއިލާއެއްގެ ކުދިން ބޭތިއްބުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޑްގެ މި ހާލަތުގައި ހިތާން ކުރުމާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ހިތާނީ ހަރަކާތް ބާއްވާ ތަންތަނުގައި މާސްކް އަޅަން ވާނެ ކަމަށާއި ތިން ފޫޓުގެ ގައިދުރުކަން ދެމެހެއްޓުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ހިތާނު ކުރުމުގެ ހަރަކާތްތައް ބޭއްވުމުގައި އަމަލުކުރާނެ ގޮތުގެ އުސުޫލެއް އެޗްޕީއޭއިން ވަނީ އާންމުކޮށްފައެވެ.

ހިތާނުކުރާ ކުދިން ބައިތިއްބުމުގައި ސަމާޅުކަން ދޭން ޖެހޭ ކަންކަން:

  • ހިތާން ކުރާ ގިނަ ކުދިން އެކުގައި އެއްތަނެއްގައި (ބޮޑެތި ހޯލް ފަދަ ތަންތަނުގައި) ނުބޭތިއްބާ، އަމިއްލަ ގޭގައި ކުދިން ބޭތިއްބުމުގެ އިންތިޒާމް ހަމަޖެއްސުން
  • އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން އެއް ގެއެއްގައި ބައިތިއްބާ ނަމަ އެއްގެއެއްގައި އެއްކޮށް ދިރިއުޅޭ ކުދިން ނުވަތަ އެއް އާއިލާއެއްގެ ކުދިން ބޭތިއްބުން
  • ކުދިން ބައިތިއްބާ ތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމާއި މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ގޮތަށް އިންޒާމް ހަމަޖެއްސުން
  • ކޮވިޑްގެ އަލާމަތް ހުރިނަމަ އެގޭ ގެއަށް ޒިޔާރަތް ނުކުރުން އަދި ގެއަށް ޒިޔާރަތްކުރާއިރު ރައްކަތެރިކަމުގެ ފިޔަވަޅުތައް އެޅުން.
  • ގެއަށް ޒިޔާރަތްކުރާ މީހުން ގިނަ އިރު އެގޭ ގޭގައި ގިނަ އިރު މަޑުނުކުރުން
  • ގިނަ މީހުން އެއްފަހަރާ ގެއަށް ޖަމާނުވާނެ ގޮތަށް އިންތިޒާމް ހަމަޖެއްސުން
  • ގިނަ މީހުން އެއްވާ ގޮތަށް ޕާޓީތަކާއި މިއުޒިކް ޝޯ ފަދަ މުނިފޫހިފިލުވުމުގެ ހަފްލާތައް ނުބޭއްވުން

ހަމައެއާއެކު ކޮންމެ ދުވަހަކު އެއް ފަހަރު މުޅި ގެއާ ފާހާނާ ސާފު ކުރުމާއި، އާންމުން އަތްލާ ތަންތަން، މޭޒާއި ގޮނޑިއާއިދޮރުގެ ތަޅާއި، ކަބަޑާއި ފާހަނާ އިސްކުރު ފަދަ ތަންތަން ދުވާލަކު މަދުވެގެން ދެ ފަހަރު ސައިބޯނި ފެން ފޮތިގަނޑަކުން ސާފު ކުރުމަށް ވެސް އެ އުސޫލުގައި ބުނެއެވެ. އަދި ކެއުން ބުއިމަސް ބޭނުން ކުރާ ތަށި ސަމސާ ފަދަ ތަކެތި އެކަކު ބޭނުން ކުރުމުން ރަނގަޅަށް ސައިބޯނި ލައިގެން ދިވުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑް ކޭސްތައް މިހާރު އިތުރުވާން ފަށާފައިވާ މި ދުވަސްވަރަކީ ސްކޫލް ބޮޑު ޗުއްޓީ އާއި އަލްހާ އީދާ ދިމާވާ ދުވަސްވަރެކެވެ. މި ދުވަސްވަރަކީ ކޮންމެ އަހަރަކު ވެސް ހިތާނު ކުރުމުގެ ކަންކަން ކުލަ ގަދަކޮށް ފާހަގަ ކުރާ ދުވަސްވަރެވެ.

އެންމެ ފަހުގެ ކޮވިޑް ކޭސްތަކުގެ ތަފާސްހިސާބަށް ބަލާއިރު، މިމަހު 12 އިން 18 ވަނަ ދުވަހުގެ ނިޔަލަށް 405 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ހިމެނެނީ މާލެ އިން 231 މީހަކާއި އަތޮޅު ތެރެއިން 95 އަދި އެހެނިހެން ރަށްތަކާއި ރިސޯޓްތަކުން 79 މީހެއް ހިމެނެއެވެ. އަދި މިވަގުތު 17 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.