ގަލޮޅު ދަނޑުގައި ސަރުކާރުން މިއަދު ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވައި ބަޔަކު ހަމަނުޖެހުން ހިންގުމާ ގުޅިގެން އިދިކޮޅު ކޯލިޝަނަށް ތުހުމަތުކޮށް ފުލުހުން ބަޔާނެއް ނެރެފައި ވަނިކޮށް، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި އިލެކްޝަންސް ކޮމިޝަނުން ބަޔާނެއް ނެރެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވެސް ބަޔާނެއް ނެރެފައިވާއިރު، ފުލުހުންގެ ބަޔާން ދޮގުކޮށް، އިދިކޮޅުން ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މިއަދު ހިންގި ހަމަނުޖެހުންތަކުގައި އެ ކޯލިޝަންގެ އެއްވެސް އަތެއް ނެތް ކަމަށެވެ. އަދި އެ ހަމަނުޖެހުން އިދިކޮޅުގެ ބޮލުގައި އެޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް، އޭނާ ތުހުމަތު ކުރެއްވިއެވެ.

މިއަދުގެ ހަމަނުޖެހުންތަކާ ގުޅިގެން ނެރުނު ބަޔާނުގައި އިލެކްޝަންސް ކޮމިޝަނުން ބުނީ، ސަރުކާރުން ބޭއްވި ޔޯގާ ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައި، ބައެއް މީހުންނަށާއި ތަކެއްޗަށް ގެއްލުން ދިން އަމަލު ކުށްވެރި ކުރާ ކަމަށެވެ. އަދި އެ މައްސަލައިގައި އެއްވެސް ސިޔާސީ ޕާޓީއަކުން ބައިވެރިވެފައިވާ ކަން ސާބިތުވެއްޖެ ނަމަ، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް، އެ ކޮމިޝަނުގެ ބަޔާނުގައިވެއެވެ.

އީސީގެ އިތުރުން ފޮރިން މިނިސްޓްރީން ވެސް ބަޔާނެއް ނެރެފައިވާއިރު، އެ މިނިސްޓްރީން ބުނީ ބޭރުގެ ސަފީރުންނާއި އިއްޒަތްތެރިން ބައިވެރިވެ. ވަޑައިގަތް އެ ހަރަކާތުގައި ހިންގި ހަމަނުޖެހުން ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ހަމަނުޖެހުން ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.

އޭގެ އިތުރުން، އެ މައްސަލަ ބެލުމަށްޓަކައި ސަރުކާރުން ވަނީ އެ ހަމަނުޖެހުންތައް ހިންގި ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް، ހަތް ވަޒީރުންގެ ސަބް ކޮމިޓީއެއް ވެސް އެކުލަވާލައިފައެވެ. އެ ސަބް ކޮމިޓީގައި ތިއްބަވާ ވަޒީރުންނަކީ:

  • އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ
  • އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
  • ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
  • އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު
  • ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން
  • ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
  • ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް

މިއަދު ހިންގި ހަމަނުޖެހުމާ ގުޅިގެން ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ ހަމަނުޖެހުމާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ:

  • ޔޯގާ ދުވަސް ފާހަގަކުރަނީ އަލަށް ނޫން ކަމަށް
  • މީގެ ކުރީ ސަރުކާރުތަކުގައި ވެސް ގިނަ ބަޔަކު ބައިވެރިވެ އެ ދުވަސް ފާހަގަކުރި ކަމަށް
  • މިއަދުގެ ހާދިސާ އަކީ ބިރުވެރި ހާދިސާއެއް ކަމަށް

ހެނދުނު ޔޯގާ ހަރަކާތް ފަށަން ތައްޔާރުވެފައި އޮއްވާ، ޒުވާނުންގެ ގިނަ ބަޔަކު ވަނީ "ﷲ އަކްބަރު" ގޮވަމުން ވަދެ ދަނޑުން ނުކުތުމަށް ގޮވައި، ދަނޑުގެ އެ ތަނުގައި ޖަހާފައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީފައެވެ. ނަމަވެސް އެ ހަމަނުޖެހުންތަކަށް ފަހު ވެސް، ޔޯގާ ދުވަސް ވަނީ ފާހަގަކޮށްފައެވެ.