އައިލެންޑް އޭވިއޭޝަން ބަނގުރޫޓުވާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފިއެވެ.

އައިލެންޑް އޭވިއޭޝަނަށް ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން މޯލްޑިވިއަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލަ ހުށަހަޅުއްވާފައި ވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.

އެ މައްސަލާގައި ބުނެފައިވަނީ އައިލެންޑް އޭވިއޭޝަންގެ ހިންގުން ބޮއްސުންލާ ކުންފުނީގެ މާލީ ހާލަތު މިއިން ޒަމާނެއްގައި ދަށަަށް ނުދާހާ ދަށަށް ގޮސް ކުންފުނި ބަނގުރޫޓު ވެފައިވާ ހިސާބަށް ގޮސްފައިވާ ކަމަށާއި އެގޮތުން 2020 ވަނަ އަހަރު ކުންފުންޏަށް 400 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވާ ކަމަށެވެ. އަދި 2021 ވަނަ އަހަރުވެސް އެ ކުންފުންނަށް 159 މިލިއަން ރުފިޔާ ގެއްލުންވެ ކުންފުނި މިއިން ޒަމާނެއްގައި ދަރަނިވެރި ނުވާ ވަރަށް ދަރަނިވެރިވެފައިވާ ކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

އެ ކުއްލި މައްސަލާގައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން މޯލްޑިވިއަންއަށް 2020 ވަނަ އަހަރު 17.3 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާއިރު މައި ކުންފުނި އައިލެންޑް އޭވިއޭޝަނަށް އެސްބީއައިއިން ދޫކޮށްފައިވާ އޯވަޑްރާފްޓް ފެސިލިޓީ ދަރަނީގެ އަދަދު 46.2 މިލިއަން ރުފިޔާއަށް އިތުރުކޮށް، މިލޯންތައް ނެގުމަށް މޯލްޑީވިއަންގެ 6 މަތިންދާ ބޯޓު ގްރައުންޑް ކޮށްފައިވާތީ އެމްއޭސީއެލްއަށްވެސް 50 މިލިއަނަށްވުރެއް ގިނަ ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށް ވެސް ބުނެފައެވެ.

މިހާރުވެސް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދެނީ ކޮންމެ މަހަކު މިނިސްޓްރީން 15 އާއި 18 މިލިއަން ރުފިޔާ ލޯނު ނަގައިގެން ކަމަށާއި ކުންފުނީގެ ހާލަތު މިހާ ދަށުދަރަހަޖަށް ވެއްޓިފައި އޮތުމުން މޯލްޑިވިއަންގެ ބޯޓުތަކުގައި ޓެކްނިކަލް ގޮތުން ބައިނަލްއަގްވާމީ މިންގަނޑުތައް ދަމަހައްޓަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ބޭރުކޮށްލީ 33 މީހުން މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވުމުންނެވެ. އަދި އެ މައްސަލަ ބަލައިގަންނަނަން ފެންނަ ކަމަށް ވޯޓޫ ދެއްވީ 5 މެމްބަރުނެވެ.