މާލޭގައި ބަހަކައި ސަިއކަލެއް ޖެހި ދެ ސަރަހައްދެއްގައި ދެ އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ދެ އެކްސިޑެންޓް ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި ދެ އެކްސިޑެންޓްގައި ވެސް ދެ އަންހެނަކަށް ވަނީ އަނިޔާވެފައެވެ.

ފުލުހުން ބުނީ، އިއްޔެ ފުރަތަމަ އެކްސިޑެންޓް ހިނގާފައި ވަނީ، ކުރީގެ ކުނި ކޮށި ކައިރިން ކަމަށެވެ. ބަހަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓް ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރު 12:19 ގައި ކަމަށް ފުލުހުން ބުނެއެވެ. އެ އެކްސިޑެންޓްގައި އަނިޔާ ވެފައި ވަނީ ސައިކަލުގެ ފަހަތުގައި އިން އުމުރުން 66 އަހަރުގެ ދިވެހި އަންހެނަކަށެވެ. އަދި އެ އަންހެން މީހާ އަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިމީހާގެ އަތުގެ 2 ތަނަކުން ވަނީ ބިނދިފައެވެ.

މި އެކްސިޑެންޓް ހިނގި އިރު ސައިކަލު ދުއްވަން އިން އުމުރުން 36 އަހަރުގެ ދިވެހި އަންހެން މީހާ އަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެކެވެ. އަދި އެކްސިޑެންޓްވި ބަސް ދުއްވަން އިން ޑްރައިވަރަކީ ވެސް ލައިސަންސް އޮތް މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އިއްޔެ ދެވަނައަށް ހިނގި އެކްސިޑެންޓަކީ މާލެ ބްރިޖް ލައިޓް ކައިރިން ހިންގި އެކްސިޑެންޓެކެވެ. ބަހަކާއި ސައިކަލެއް ޖެހިިގެން ހިނގި މި އެކްސިޑެންޓް ރިޕޯޓް ކޮށްފައި ވަނީ އިއްޔެ މެންދުރު ފަހު 3:14 ގައެވެ. މި އެކްސިޑެންޓްގައި އުމުރުން 56 އަހަރުގެ ދިވެހި އަންހެނެއްގެ ފައިގެ ހަން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް މި އެކްސިޑެންޓްގައި އުޅަނދުތައް ދުއްވި މީހުންގެ ލައިސަންސް އޮތް ކަން ނުވަތަ ނެތް ކަން ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި ދެ އެކްސިޑެންޓްގެ މައްސަލަ ވެސް ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.