މ. ކޮޅުފުށި، އާރެސް، ހަސަން ގާލިބްގެ މައްޗަށް ވައްކަން ކޮށްގެން ހޯދާފައިވާ މުދަލެއް ބަލައިގަތުމުގެ ކުށް ސާބިތުވެ ހަތަރު މަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މިއީ އޭޕްރީލް 30، 2017 ދުވަހުގެ ރޭ 11:45 ހާއިރު، އޯކިޑް މަގުގައި ހުންނަ ޗަންޕާ ބިލްޑިން 4 ގެ ހަވަނަ ފަންގިފިލާގައި ހުންނަ އައިލަންޑް ޕާލް ޕްރައިވެޓް ލިމިޓެޑް އޮފީހުން 3000 ޑޮލަރާއި 500 ޔޫރޯއާއި ނޮކިއާ ފޯނަކާއި އެޕަލް މެކްބުކްއެއް ވަގަށް ނެގި ސ. ހިތަދޫ، އަމްފާ، އަބްދުﷲ ސިބާ، އޭގެތެރެއިން ނޮކިއާ ފޯނާއި ލެޕްޓޮޕް ގާލިބަށް ހވާލު ކުރި މައްސަލައެވެ.

މި މައްސަލައިގައި ފުރަތަމަ ޝާރީއަތުގައި ބަޔާން ހުށަހަޅަން ދިން ފުރުސަތުގައި އޭނާއަށް އަބްދުﷲ ސިބާ، ނޮކިއާ އީ71 ފޯނަކާއި މެކްބުކް ލެޕްޓޮޕެއް ހަވާލު ކުރި ކަމަށާއި އެ ތަކެތި ބަހައްޓާލަ ދިނުމަށާއި އަދި ބަލައި އަންނާނަން ކަމަށް ބުނި ކަމަށް ގާލިބް ބުނެފައި ވެއެވެ. އަދި އެއީ ވައްކަން ކޮށްގެން ހޯދާފައިވާ ތަކެތި ކަން ނޭނގޭ ކަމަށް ގާލިބް ބުނެފައި ވެއެވެ.

ނަމަވެސް ތަހުގީގު ބަޔާނުގައި އަދި އިންޓަވިއު އޯޑިއޯ ވީޑިއޯ ރެކޯޑިންގައި ބުނެފައި ވަނީ އޭނާ މުދަލާ ހަވާލުވީ ދަންވަރު 2 ޖަހާކަށް ހާއިރު ސިބާއާ ދިމާވެގެން އޭނާ އެ މުދާ ހަވާލު ކުރުމުން ކަމަށެވެ. އަދި ފޯނު ދިނުމަށް ފަހު އެ ފޯނު ވިއްކާލާފައި އެއިން 200 ރުފިޔާ ދިނުމާއި ލެޕްޓޮޕް ވިއްކާލައިގެން އެއިން 2000 ރުފިޔާ ދިނުމަށް ސިބާ އެދިފައިވާ ކަމަށް ބުނެފައި ވެއެވެ.

ކްރިމިނަލް ކޯޓުން ބުނީ، މި މައްސަލާގައި ހުށަހެޅުނު ޝަފަހީ ހެކިންގެ ހެކި ބަހުންނާއި، ކިތާބީ ހެކިތަކުން އަދި ހަސަން ގާލިބްގެ ބަހުން މި ދައުވާގެ މަގްސަދާ ގުޅޭ ގޮތުން ރުކުންތަކާއި ނިޔަތުގެ ރުކުން ސާބިތުވާ ކަމަށެވެ. އެގޮތުން ވައްކަން ކޮށްގެން ހޯދާފައިވާ މުދާ ބަލައިގަތުމުގެ ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނަޑައަލާ ކަމަށް އެ ކޯޓުން ބުނެއެވެ.

މި މައްސަލަިއގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ވައްކަން ކޮށްގެން ހޯދާފައިވާ މުދާ ބަލައިގަތުމުގެ ކުށް ގާލިބް ކޮށްފައިވާ ކަން ސާބިތުވެފައިވާ ކަމަށާއި އަދަބެއްގެ ގޮތުގައި 4 މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އޭނާ 21 ދުވަސް ބަންދުގައި ހޭދަކޮށްފައި ވާތީ އެ ދުވަސް އުނިކޮށް އޭނާ ތަންފީޒު ކުރަން ޖެހޭ ޖަލު ހުކުމަކީ 4 މަހާއި 3 ދުވަސް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.