ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއެކު ރ.އަތޮޅު ކައުންސިލުން "ރ. ޓޫރިޒަމް އެކްސްޕޯ 2022" ބާއްވައިފިއެވެ.

އިއްޔެ ބޭއްވި އެ އެކްސްޕޯގައި މޫދުކުޅިވަރުގެ ހަރަކާތްތަކެއް ވަނީ ރ. ހުޅުދުއްފާރުގައި ކުރިއަށް ގެންގޮސްފައެވެ.

އެ އެކްސްޕޯ ފައްޓަވައިދެއްވީ ރައްޔިތުން މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އާއި ޓޫރިޒަމް މިނިސްޓްރީގެ ނައިބު އަހުމަދު އާތިފްގެ އިތުރުން ރ.އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފްއެވެ.

މޫދުކުޅިވަރުގެ އެ ހަރަކާތްތަކުގެ ތެރޭގައި މިކަމުގެ ހުނަރު ދައްކާލުމާއި މޫދު ކުޅިވަރުގައި ބޭނުންކުރާ އާލާތްތައް ސްކޫލްތަކާއި އާއްމުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ދީފައެވެ. މޫދު އެ ހަރަކާތުގައި ރ. އަތޮޅުގެ ހަތް ރިސޯޓަކުން ބައިވެެެރިވެފައިވެއެވެ. އޭގެ އިތުރުން ހުޅުދުއްފާރު، ރ. އުނގޫފާރު، ރ. މާކުރަތު، ރ. ރަސްމާދޫ އަދި ރ. އިންނަމާދު ސްކޫލުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުން ބައިވެރިވިއެވެ.

އެ ހަރަކާތާ ގުޅިގެން ދަރިވަރުންނަށް ކެރިއާ ގައިޑެންސް ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު އެހަރަކާތުގައި ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް ވެސް ވަނީ ބައިވެރިވެފައެވެ.