އަނބިކަނބަލުން ޖިލް ބައިޑަންއާއެކު ބައިސްކަލް ބުރަކަށް ނުކުމެ އުޅުއްވަނިކޮށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ބައިސްކަލުން ވެއްޓިވަޑައިގެންފިއެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ލީޑަރުންގެ ތެރޭގައި ގުނާލެވޭ ބައިޑަން، ބައިސްކަލުން ވެއްޓި ވަޑައިގަތީ ނޫސްވެރިންގެ ގުރޫޕެއް ކައިރީގައި މަޑުކޮށްލައްވަން އުޅުމުގެ ތެރޭގައި، ބައިސްކަލް ޕެޑަލްގައި ފައިންޕުޅު އަޅައިގެން ކަމަށް ހަބަރު ލިބެއެވެ.

ޖެނުއަރީ 2021 ގައި އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ ދޭތެރެ ދޭތެރެއިން ބައިސްކަލް ބުރުޖައްސަވާތީ ފެންނަ ބައިޑަން، ވެއްޓިވަޑައިގެންނެވި ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އިތުރު ސިއްހީ ފަރުވާއެއް ހޯއްދަވާފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ތިބި ބައެއް އާންމުންނާވެސް ބައިޑަން ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރައީސްކަން ކުރެއްވުމަކީ ކިހާ ވަރެއްގެ ކަމެއް ތޯ ސުވާލު ދެންނެވި ކުއްޖަކާވެސް ބައިޑަން ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރައީސް ކަން ކުރުމަކީ އެހެން ވަޒީފާތައް ކަހަލަ ކަމެއް ކަމަށާ، ނަމަވެސް އުނދަގޫ ވަގުތުތަކެއް އަންނަ ކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމެރިކާގެ ރައީސްކަން ކުރުމުގެ ޝައުގު އޮތް ކަމަށް ބުނި ކުޑަ އަންހެން ކުއްޖަކާއެކު ބައިޑަން ވަނީ ފޮޓޯއެއްވެސް ނަންގަވާފައެވެ.

ނަމަވެސް އެމެރިކާގެ އެންމެ ވާދަވެރި ހަތުރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ޗައިނާގެ ރައީސް ޝީ ޖީންޕިންގްއާއެކު ކުރިއަށް ގެންދަވާ ބައްދަލުވުމާ ބެހޭ ގޮތުން ބައިޑަންއަށް ދެންނެވުނު އެއްވެސް ސުވާލަކަށް ޖަވާބު ދެއްވާފައި ނުވާ އިރު، ޗައިނާއާ ދެކޮޅަށް ތަންފީޒު ކުރާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ބެހޭ ގޮތުން ދެންނެވި ސުވާލުތަކަށްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ހަދިސާ ހިނގި ސަރަހައްދު ދޫކުރައްވާ ބައިޑަންގެ ދަތުރުފުޅައިގެން ކުރިއަށް ވަޑައިގެންނެވީވެސް ބައިސްކަލްކޮޅުގައި ކަމަށް ހަބަރު ލިބެއެވެ.

ބައިޑަން ވިދާޅުވާ ގޮތުގައި އޭނާއަށް ލިބިފައިވާ ހިތްވަރާ، އަޒުމުވަރުގަދަ ކަމާ، ބުރަ މަސައްކަތް ކުރެއްވުމުގެ ރޫހަކީ އޭނާގެ މައިންބަފައިން އަށަގެންނެވި ސިފަތެކެކެވެ.