ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ އިއްޒަތް އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.

‎މި އިއްޒަތް ޝާހިދަށް އަރުވާފައި ވަނީ ‎ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންޓޮޑޮމިންގޯގައި ބޭއްވި ހާއްސަ ރަސްމިއަޔާތެއްގައެވެ. ޝާހިދަށް އަރުވާފައި ވަނީ "ދަ ޑުއާޓޭ، ސަންޗޭޒް، އެންޑް މެލާ އޯޑާ އޮފް މެރިޓް" ގްރޭންޑް ކްރޮސް، ސިލްވާ ޕެލޭޓެވެ. މި ނިޝާންގެ ޢިއްޒަތަކީ 1931 ވަނަ އަހަރުން ފެށިގެން އެ ގައުމުން ދެމުން އަންނަ އިއްޒަތެކެވެ.

އެ އިއްޒަތް ނިސްބަތް ވަނީ އެ ގައުމު އުފެދުމުގެ ބާނީން ކަމުގައިވާ ހުއާން ޕަބްލޯ ޑުއާރްޓޭ އާއި ފްރެންސިސްކޯ ޑެލް ރޮސާރިއޯ ސާންޗޭޒް އާއި ރަމޯން މަތިއަސް މެއްޔާ ކަސްޓިއްޔޯ އަށެވެ. މި އިއްޒަތް އެ ގައުމުން އަރުވަނީ އެ ހައުމަށް ހާއްސަ ގައުމީ ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި ބައިނަލްއަގްވާމީ ދާއިރާގައި ފާހަގަކޮށްލެވޭ ހިދްމަތްތަކެއް ކުރައްވާފައިވާ އިއްޒަތްތެރިންނަށެވެ.

‎ޑޮމިނިކަން ރިޕްބްލިކުން ޝާހިދަށް މި ޝަރަފް ދީފައި ވަނީ އެމަނިކުފާނުގެ "އދ ގެ އުންމީދޔުގެ ރިޔާސަތު" ގެ ތެރެއިން، ކޮވިޑް ހާލަތުން ދުނިޔެ އަރައިގަތުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އަލުން އާރާސްތު ކުރުމަށާއި، ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށާއި، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށާއި އދ. އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އދ،ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކޮށް އަގުވަޒަން ކުރުމުގެ ގޮތުންނެވެ.