އިންޑިއާގެ ކާޑިއޮލޮޖިކަލް ސޮސައިޓީ (ސީއެސްއައި) އިން ބާއްވާ އެންމެ ބޮޑު އިންޓަވެންޝަނަލް ކާޑިއޮލޮޖީ ބައްދަލުވުން ކަމަށްވާ ނޭޝަނަލް އިންޓަވެންޝަނަލް ކައުންސިލް (އެންއައިސީ) މިޑްޓާމް މީޓިންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އައިޖީއެމްއެޗުން ބުނީ، މި ބައްދަލުވުން ކުރިއަށްދާނީ އިންޑިއާގެ އަހްމަދުއާބާދުގައި މިއަދުން ފެށިގެން 19 އަށެވެ. އެކި ގައުމުތަކުން 500 އަށްވުރެ ގިނަ މާހިރުން ބައިވެރިވާ އެކި ކޭސްތައް ހުށަހަޅުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ބައިވެރިވުމަށް އައިޖީއެމްއެޗްގެ ހިތުގެ ބަލިތަކަށް ހާއްސަ ގައުމީ މަރުކަޒުގެ ޑޮކްޓަރުންނަށް ވެސް ފުރުސަތު ލިބިފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.

މި އަހަރުގެ ބައްދަލުވުމުގައި ގިނަ މައުޟޫއުތަކަށް އަލިއަޅުވާލަން ވަނީ ހަމަޖެހިފައެވެ. އެއީ:

  • ކޮރޯނަރީ އެންޓަވެންޝަން
  • ޕެރިފަރަލް އަދި އަޔޯޓިކް އިންޓަވެންޝަން
  • ކޮންޖެނިޓަލް އިންޓަވެންޝަން
  • ސްޓްރަކްޗަރަލް ހާރޓް ޑިޒީސް
  • އެލެކްޓްރޯފިޒިއޮލޮޖީ
  • ނިއުރޯ އިންޓަވެންޝަން
  • އިނޮވޭޝަން އިން ކާޑިއޮލޮޖީ

އައިޖީއެމްއެޗުން ބުނީ، އިންޓަވެންޝަނަލް ކައުންސިލް (އެންއައިސީ) ގެ ފަރާތުން ލިބިފައިވާ ދައުވަތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ޑރ. އަލީ ޝަފީގު އާއި އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލާއި އައިޖީއެމްއެޗް އާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލުގެ ނެޝަނަލް ކާޑިއެކް ސެންޓަރުގައި މަސައްކަތް ކުރައްވަމުންދާ މެޑިޓްރީނާ ހޮސްޕިޓަލުގެ ޑރ. އިމާދު ޝައިބާން ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ދެ ޑޮކްޓަރުން ހުށަހަޅުއްވާ މައުޟޫއުއަކީ ކޮމްޕްލެކްސް މެއިން އިންޓަވެންޝަން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މިއީ ރާއްޖޭގެ ފަރާތުން ހިތުގެ ބަލިތަކުގެ މިފަދަ ބޮޑު ބައްދަލުވުމެއްގައި ބައިވެރިވާނެ ފުރަތަމަ ފަހަރެވެ.