ރައްކާތެރިކަމާ އެކު އިންޓަނެޓުގެ ހިދުމަތްތައް ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ފުލުހުންނާއި ވްމެން އިން ޓެކް ގުޅިގެން، އުރީދޫން އިންޓަނެޓް ސޭފްޓީ ކެމްޕެއިނެއް ފަށައިފިއެވެ.

"ސައިބާ ރައްކާ"ގެ ނަމުގައި އުރީދޫން ފެށި މި ކެމްޕެއިންގެ ދަށުން ވަނީ، އިއްޔެ ހއ. އުލިގަމުގެ ދަރިވަރުންނަށް ރައްކާތެރިކަމާއި ޒިންމާދާރުކަމާއެކު އިންޓަނެޓު ބޭނުންކުރާނެ ގޮތްތަކާއި، އިންޓަނެޓުގެ ޒަރިއްޔާއިން ހިންގާ ކުށްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދީފައެވެ.

އުރީދޫން ބުނީ، މި ކެމްޕެއިން ރާއްޖެތެރެއަށް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ކެމްޕެއިންގެ ދަށުން:

  • ސައިބާ ސޭފްޓީގެ މުހިއްމުކަމާއި ސަމާލުވާން ޖެހޭ ކަންކަމާ ބެހޭ މައުލޫމާތު ދޭނެ
  • އިންޓަނެޓް ބޭނުންކުރުމުގައި ދަމަހައްޓަންޖެހޭ މިންގަނޑުތަކާއި ބެހޭ މައުލޫމާތު ދޭނެ
  • ދަރިވަރުންނަށާއި މައިންބަފައިންނަށް އަދި ދުވަސްވީ މީހުންނަށް މައުލޫމާތާއި ތަމްރީންތައް ދޭނެ

މި ކެމްޕެއިންގެ އަމާޒަކީ ޑިޖިޓަލް ދުނިޔޭގެ އެންމެހާ މަންފާތައް ހޯދުމުގައި އާއިލާތަކަށް އަމާން، ރައްކާތެރި، އަދި އުފާވެރި މާހައުލެއް ގާއިމްކޮށްދިނުން ކަމަށް، އުރީދޫން ބުންޏެވެ.

އުރީދޫގެ އިތުރުން، ފުލުހުން ވަނީ އިއްޔެ ކުޅުދުއްފުށި ސިޓީގައި ވެސް ރައްކާތެރިކަމާއެކު އިންޓަނެޓު ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ހދ. އަމާންހިޔާގައި ތިބޭ ކުދިންނަށާއި، އެ އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ މުވައްޒަފުންނަށް ބާއްވާފައެވެ. ވަކިވަކިން ގެންދިޔަ އެ ސެޝަންތަކުގައި އިންޓަނެޓް ބޭނުންކޮށްގެން ކުޑަކުދިންނަށް އަމާޒުކޮށް ހިންގާ ކުށްތަކާއި، އުމުރާ ނުގުޅޭ އެޕްތަކަށް ނުވަދެވޭ ގޮތް ހެދުން ފަދަ މައުލޫމާތު ދީފައިވެއެވެ.

އިންޓަނެޓު މެދުވެރިކޮށް ކުރާ ކުށްތައް ރާއްޖޭގައި އާންމުވެފައިވާއިރު، ސޯޝަލް މީޑިއާގައި ބިރު ދެއްކުމާއި، ޒާތީ މައުލޫމާތުތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމާއި، އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުން ވެސް މި ވަނީ އިތުރުވެފައެވެ. މިފަދަ ކުށްތަކުން ރައްކާތެރިވުމަށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެ ނަމަ، ލަސްނުކޮށް އެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް ފުލުހުން އެދެއެވެ.