3335 ޑޮލަރާއި 20995 ރުފިޔާގެ އިތުުރުން ފޯނެއް ފޭރިގެން މީހަކު ޖަލަށްލައިފިއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ ތ. ތިމަރަފުށީ އަނބުގަސްދޮށުގެ، އަހުމަދު ހައިސަމާއި އިތުރު ބަޔަކު ވެގެން ނޮވެންބަރު 7، 2018 ވަނަ ދުވަހުގެ ރޭ 11:30 ހާއިރު ބަންގްލަދޭޝްގެ ރައްޔިތެއްގެ އަތުން 3,335 އެމެރިކާ ޑޮލަރާއި، 20,995 ދިވެހި ރުފިޔާގެ އިތުރުން އޭނާގެ އަތުގައި އޮތް ސެމްސަންގް 8 ޕްލަސް ފޯނެއް ފޭރިގެންފައިވާ ކަމަށެވެ.

މި މައްސަލައިގާ ދައުލަތުން ހައިސަމްގެ މައްޗަށް އުފުލާފައިވަނީ ހުއްދަ ނެތި މީހެއްގެ މުދަލުގެ މައްޗަށް ބާރު ފޯރުވުމުގެ ކުށުގެ ދައުވާއެވެ. އަދި ހައިޝަމް ވަނީ އެ ދައުވާއަށް އިއުތިރާފުވުމަށްފަހު އެކަން ކުރި ގޮތުގެ ތަފްސީލް ކިޔައިދީފައެވެ. އެހެންކަމުން އެ ދައުވާގެ އަސާސީ އަދަބު ވަނީ އެއް ދަރަޖަ އަދަބު ދަށްކޮށްފައެވެ.

އެ ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް ހައިޝަމްގެ މައްޗަށް އިއްވައިފާ ވަނީ އެއް އަހަރާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމެކެވެ.

އެ މައްސަލައިގައި ދެން ހިމެނޭ ދެ މީހުންގެ މައްސަލަ ވަކިން ކުރިޔަށް ގެންދަން ވަނީ ނިންމާފައެވެ.