ށ. ނޫމަރާގައި މީގެ ހަ އަހަރު ކުރިން ވަޅިން ހަމަލަދީ އަމިއްލަ ދަރިފުޅު މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރި އައިމިނަތު ޝާހިދާ 17 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

މީގެ ހަ އަހަރު ކުރިން، 11 ފެބްރުއަރީގައި ޝާހިދާ، އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ފާތިމަތު ޝައިހާ ފަޔާޒު މަރާލާފައި ވަނީ ކަރުގެ ތިން ތަނަކަށާއި، ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް، އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލަދީގެން ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

ދަރިފުޅު މަރައިލި މައްސަލައިގައި ޝާހިދާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަަލައިގެ ހުކުމް އިއްވުމަށް ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ގާޒީ އަހުމަދު ޝަކީލު ވަނީ ޝާހިދާގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމްކޮށްފައެވެ. އެހެންނަމަވެސް ބަންދުގައި ހުރި މުއްދަތު އެ ހުކުމުން އުނިކުރުމުން ދެން ޝާހިދާ ތަންފީޒުކުރަން ޖެހޭނީ 11 އަހަރާއި ދެ މަސް ދުވަހެވެ.