100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގދ. ފިޔޯރީއަށް މިއަދު ތައާރަފްކޮށްފިއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު ވިދާޅުވީ، އުރީދޫގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކައްވެސް ފެންވަރު ރަނގަޅު ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން މިހާރު އާބަދީގެ 75 ޕަސަންޓަށް ސުޕާނެޓްގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށާއި ފިކްސްޑް ބްރޯޑްބޭންޑް، ސުޕަނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވާ ހިދުމަތާއެކު މިވަގުތު މާކެޓްގައި އެންމެ ފުރިހަމަ ޕްލޭންތައް ކަމަށް ނިޔާޒު ފާހަގަކުރެއްވިއެވެ.

ނިޔާޒު ވިދަޅުވީ، ވަރުގަދަ ނެޓްވޯކް ކަވަރޭޖެއްގައި ހަލުވި ސްޕީޑާއެކު ފެންވަރު ރަނގަޅު ހިދުމަތެއް ފިޔޯރީގެ ރައްޔިތުންނަށް ފޯރުކޮށްދެވުމަކީ ލިބޭ ވަރަށްް ބޮޑު އުފަލެއް ކަމަށެވެ. މި ހިދުމަތާއެކު ފިޔޯރީގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަށް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫން ބުނީ، ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން އުރީދޫ ސުޕާނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައިވާ ކަމަށެވެ. މި ބަދަލުގެ ދަށުން ސުޕާނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު 100 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސުޕާނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އަށް އިތުރުވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، ފިޔޯރީގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށެވެ.