ސ. މަރަދޫގެ ގެއަކުން 1 ލައްކަ ރުފިޔާއަށް ވުރެ އަގު ހުރި ރަނާއި ޖަވާހިރު ވަގަށް ނެގި މީހަކު 39،600ރ. އިން ޖޫރިމަނާ ކޮށްފިއެވެ.
މިމައްސަލާގައި ޖޫރިމަނާ ކޮށްފައި ވަނީ ސ. މަރަދޫ ސަމާގްރީން ގުދުރަތުﷲ އެވެ. މިހާދިސާ ހިނގާފައި ވަނީ ފެބްރުއަރީ 2018 ވަނަ އަހަރު ފެބްރުއަރީ މަހުގައެވެ. މި ވައްކަން ކޮށްފައި ވަނީ އެގޭގައި ދެ މީހަކު ނިދާފައި އޮއްވައި އެމީހުން އޮތް ކޮޓަރީގައި ހުރި އަލަމާރި ތެރެއިންނެވެ.
ވަގަށް ނެގި ތަކެތި:
- 89،600ރ.ގެ އަގުހުރި 14 ރަން ފައުނު (ފަށުފޫ)
- 3000ރ.ގެ އަގުހުރި ރަން ފަށެއް
- ރަން ކުނޑި ހުރި ކަރުދާސް ކޮޅެއް
- 7000ރ.ގެ އަގުހުރި އެސްތަކެއް ޖަހާފައިހުރި ބުރުގާގައި ޖަހާ ރަން ދަތި އަދި އެތަކެތި ލައިފައި ހުރި ދަގަނޑު ދަޅެއް
- އައިޑީކާޑަކާއި 2000ރ.
މި ކުށަށް އޭނާ އިއުތިރާފުވެފައި ވާއިރު މި މައްސަލައިގައި ދައުލަތުން ވަނީ އެމީހާއަށް ދެ ދައުވާއެއް އުފުލާފައެވެ. އެއީ ވައްކަން ކުރުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ހޯދައިގެން ވަންނަން ޖެހޭ ތަނަކަށް ހުއްދަ ނުހޯދާ ވަނުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ކުރެވޭނެ ހުކުމަކީ އެއް އަހަރާއި 12 ދުވަހަށް ޖަލަށް ލުމެވެ.
ޝަރީއަތުގައި އޭނާ އިއުތިރާފުވުމުން އޭނާއަށް ކުރާ ހުކުމް އެއް ދަރަޖަ ދަށް ކޮށްދީފައި ވާއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމުން ފާއިތުވެ ދިޔަ ތަނުގައި ރެކޯޑްތަކަށް ރިއާޔަތްކޮށް އަދި މިހާރު އޭނާ މުޖްތަމައުގައި އަދާކުރަމުން ދާ ދައުރަށް ބަލައި ދައުވާ ލިބޭ މީހާއަށް ލުޔެއް ދިނުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ނިންމާ ޝަރީއަތުން ވަނީ އެ ހުކުމް ވެސް ލުއިކޮށް، ޖަލު އަދަބަކީ ނުވަ މަހާއި، 18 ދުވަސް ކަމަށް ނިންމާފައެވެ.
މީގެ އިތުރުން ދިފާއީ ވަކީލުން ވަނީ އޭނާގެ ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. މިހޮތުން އޭނާގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް 28،800ރ.ގެ ޖޫރިމަނާއަކަށް ބަދަލުކުރުމަށް ޝަރީއަތުން ވަނީ ނިންމާފައެވެ. ޝަރީއަތުން މިހެން ނިންމީ ހުކުމް ކުރުމުގެ ކުރިން އޭނާ ޖަލުގައި ހަތަރު މަސް ހޭދަ ކޮށްފައިވާތީ ހުކުމުން އެބައި ވެސް އުނިކުރުމަށް ފަހުގައެވެ.
ހަމައެހެންމެ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކުރާ ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށްދޭން ދިފާއުން އެދިފައި ވާއިރު ޝަރީއަތުން ވަނީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމް 10،800ރ.ގެ ޖޫރިމަނާއަކަށް ބަދަލުކޮށްދީފައެވެ.
މިއާއެކު އޭނާ 39،600ރ. ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ގޮތަށް ޝަރީއަތުން ވަނީ ނިންމާފައެވެ.