ދުނިޔޭގެ ބާޒާރުތަކުގައި މިއަދު ކާބޯތަކެތި އަގު އުފުލެމުން ދަނީ ރަޝިއާއިން ސިފަކޮށްދީފައި ވާ ފަދައިން، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ނޫން ކަމަށާ، ނަމަވެސް އެކަން ސީދާ ގޮތުން ގުޅެނީ ޔޫކްރައިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައާ ކަމަށް ނޭޓޯގެ އިސްވެރިޔާ ޖެން ސްޓޯލްޓެންބާގް ވިދާޅުވެއްޖެއެވެ.

ބްރަސަލްސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓޯލްޓެންބާގް ވިދާޅުވީ، ޔޫކްރައިންއިން ކާބޯތަކެއްޗާއި ގޮވާން ބޭރުން ކުރުން އިންތިހާއަށް މުހިންމު ކަމަށެވެ. އަދި މިއަދު ކާބޯތަކެއްޗާއި ގޮވާމުގެ އަގު އުފުލެމުންދާ ދިއުން އަންގައި ދެނީ ހަނގުރާމައިގެ އަސަރު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އަގުތައް އުފުލެމުން ދަނީ ރަޝިއާއާ ދެކޮޅަށް ހުޅަނގުން ތަންފީޒު ކުރާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަން އަންގައިދިނުމަށް ރަޝިއާއިން ވާހަކަ ބަދަލު ކުރަމުން ދާކަމަށްވެސް ނޭޓޯގެ އިސްވެރިޔާ ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިނުން ގޮވާން ބޭރުކުރުމަށް އޮތް މައި ދޮރޯއްޓަށް ރަޝިއާއިން ހުރަސް އަޅާފައި ވާ އިރު، އެ މަގު އަލުން ހުޅުވާ، ސަޕްލައި ކަށަވަރު ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ އެއް ގައުމަކީ ތުރުކީވިލާތެވެ.

ބައެއް ގައުމުތަކަކީ ޔޫކްރައިންގެ އެކްސްޕޯޓް ސިނާއަތަށް އިންތިހާއަށް ބަރޯސާވެފައިވާ ގައުމުތަކެވެ. އެގޮތުން ލުބްނާނަކީ އެ ގައުމަށް ބޭނުންވާ ގޮދަނުގެ 80 ޕަސެންޓް، ޔޫކްރައިނުން އިމްޕޯޓް ކުރާ ގައުމެކެވެ. އިންޑިއާއަކީ އެ ގައުމަށް ބޭނުންވާ ސަންފުލާ ތެލުގެ 76 ޕަސެންޓް، ޔޫކްރައިނުން އިމްޕޯޓް ކުރާ ގައުމެކެވެ.

އިތިއޮޕިއާ، ޔަމަނު އަދި އަފްގާނިސްތާނު ފަދަ ގައުމުތަކުގައި ބަނޑަށް ޖެހުމުގެ ތަންފަތް މަތީގައި ތިބި މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުންދާ އދގެ ކާބޯތަކެއްޗާ ބެހޭ މަޝްރޫއުގެ ގޮވާމުގެ ސަޕްލައިގެ 40 ޕަސެންޓްވެސް ހިއްސާ ކުރަނީ ޔޫކްރައިނުންނެވެ.