ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ދިން ހަތަރު ޕާޓީން ވެސް، މެމްބަރުން ހަމަކުރަން ބޭނުންވާ އަދަދަށް ފޯމު ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ގާނޫނުގައި ބުނާ 3،000 މީހުން ހަމަނުވާ 4 ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިިދިޔަ މާޗު މަހު، އުވާލަން ނޯޓިސް ދީފައެވެ. އެއީ އެމްޓީޑީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އާއި ޑީއާރުޕީއެވެ.

އީސީން ވަނީ މެންބަރުން ހަމަ ކުރުމަށް ނޯޓިސް ދިން ސިޔާސީ ޕާޓީތަކުން ރޭގެ 10 ޖެހުމާ ހަމައަށް ހުށަހަޅާފައިވާ ފޯމްތަކުގެ ތަފްސީލް އާއްމު ކޮށްފައެވެ.

އެގޮތުން އެމްއާރްއެމް އިން އިތުރު 1397 ފޯމް ހުށަހެޅިއިރު، އެ ޕާޓީއަށް މިހާރު 3677 މެމްބަރުން ވަނީ ހަމަވެފައެވެ. އަދި އެމްއެލްއެސްޑީއިން އިތުރު 376 ފޯމް ހުށަހެޅިއިރު، އެ ޕާޓީއަށް މިހާރު ވަނީ 3067 މެމްބަރުން ހަމަވެފައެވެ.

މީގެ އިތުރުން ޑީއާރްޕީއިން އިތުރު 788 ފޯމް ހުށަހެޅިއިރު އެ ޕާޓީއަށް މިހާރު ވަނީ 3057 މެންބަރުން ހަމަވެފައެވެ. އަދި އެމްޓީޑީން އިތުރު 962 ފޯމް ހުށަހެޅިއިރު، އެ ޕާޓީއަށް މިހާރު ވަނީ 3419 މެންބަރުން ހަމަވެފައެވެ. ނަމަވެސް މީގެ ތެރޭގައި ސައްހަ ފޯމް އޮތް އަދަދެއް އަދި ސާފެއް ނުވެއެވެ.

ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމައެވެ.