ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަކީ "ކަރަށް ފައިން އެރުން" ކަމަށް ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރެވިގެންދިޔަ ކަމަށާއި އެކަން ފެނިގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން ލޯނު ނަގައިގެން ކުރާކަމެއް ފެންނަން ނެތްކަމަށް ވިދާޅުވިއެވެ.

އެ އިސްލާހުގައި ހަމައެކަނި ފެން އަދި ކަރަންޓް ބިލު ނުދެއްކުމުން އަމަލުކުރާނެ އުސޫލެއް ބަޔާންކުރުމުގެ ބަދަލުގައި އެފަދަ މަޝްރޫއުތައް ކުރިއަށް ނުދާނަމަ އަމަލުކުރާނެ އުސޫލެއްވެސް އޮންނަން ޖެހޭ ކަމަށާއި 2019 ވަނަ އަހަރު ފެލިދޫ ދާއިރާގެ ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ހަވާލުކުރި ފެނާއި ނަރުދަމާގެ މަސައްކަތް ފެށުނީ މިއަހަރު ކަމަށެވެ.

ފަޒުލް ވިދާޅުވީ އިގްތިސޯދީ ހާލަތު ގޯސްވެފައި ވާއިރު ހިދުމަތެއް ލިބެން ނެތް ކަމަށާއި ތަކެތީގެ އަގު އިންތިހާއަށް ބޮޑު ވަމުން އަންނަ ކަމަށާއި ޓީޗަރުންގެ މުސާރަ ބޮޑުކުރިކަމަށް ބުނުމަށް ފަހު ތަކެތީގެ އަގު ބޮޑުވުމުން މުސާރައަށް ލިބުނު ކުރިއެރުން ދެކޮޅު ނުޖެހޭ ކަމަށެވެ.

ފަޒުލް މިފަދައިން ވިދާޅުވެފައި ވާއިރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ބޭފުޅުންގެ ތާއީދު އޮތީ ރަައީސް ސޯލިހަށް ކަމަށް ވިދާޅުވެ އެކަން ހާމަކުރައްވާފައެވެ.